ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވުމުގެ މަގްސަދުގައި ފާހަގަކުރާ މިދުވަސް ދުނިޔޭގައި ފާހަގަކުރާމީ ފުރަތަމަ ފަހަރެވެ. މިގޮތުން ކޮންމެ އަހަރަކު ވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދގެ ޖެނެރަލް އެސަމްބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފަ އެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ޝިއާރެވެ. މިގޮތުން ކާބޯތަކެތި ހައްދާ ދަނޑުތަކުން ފެށިގެން އެތަކެތި ސުފުރާއާއި ހަމައަށް ގެނައުމުގައި ހޭދަވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޒިންމާދާރުކަމާ އެކު މަސައްކަތްކުރުމަށް ވަނީ ގޮވާލާފަ އެވެ.

ދުވަހުގެ ޝިއާރާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ކޮންމެ ފަރުދެއްވެސް އެފަރުދެއްގެ ހައިސިއްޔަތުން ކަބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވައުދުވުމުގެ ހަރަކާތެއް ވެސް މިނިސްޓަރު އަމީން މިއަދު ވަނީ ފައްޓަވައިދެއްވާފަ އެެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މީސް މީޑިއާ ކެމްޕޭން ހަރަކާތްތަކާއި، ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފަ އެވެ.

ދެމެހެއްޓެނެވި ތަރައްގީއަށް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހައިހޫނުކަން ނައްތާލުން، ޒިންމާދާރު ގޮތުގައި ތަކެތި ބޭނުންކުރުނމާއި އުފެއްދުން، ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން އަދި ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަ މީހުން ތަހައްމަލު ކުރެ އެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދެ އެވެ. މަރުވާ މީހުންގެ ތެރެއިން 40 އިންސައްތައަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންކަންވެސް ފާހަގަކޮށްލެވެ އެވެ.