ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެެވެ.

މައްސަލައިގައި ތުހުމަތުކުރެވުނު މީހާ ހައްޔަރުކުރުން ލަސްވީ އޭނާ ހައްޔަރުކުރަން ބޭނުންވާ ލިޔެކިޔުންތައް ލިބުން ލަސްވެގެން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި އުމުރުން 58 އަހަރުގެ މީހަކު މެދު ރާއްޖެތެރޭގެ ރަށަކުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތުހުމަތުކުރެވޭ މީހާގެ ވަނަވަރާއި އޭނާ ހައްޔަރުކުރެވުނު ރަށުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ހިނގާފައިވަނީ އއ. އަތޮޅުގެ ރަށެއްގަ އެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ގޮތުގައި ތަހުގީގުކުރާ މައްސަލަތަކަކަށް ވާތީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއްގެ މައުލޫމާތު ހާމަނުކުރަނީ އަނިޔާ ލިބޭ ކުއްޖާގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ.