އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލެންޑުގައި ބޯޓުދެލިނަގާ މައިނެއް ހިންގުމުގެ ހުއްދަ، ކްއީންސްލެންޑުގެ ސަރުކާރުން، އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގައުތަމް އަދާނީގެ އަދާނީ ގްރޫޕަށް ދީފިއެވެ.

ކުއީންސްލެންޑުގެ ކާމައިކަލް މައިން ބިނާކުރުމުގެ ހުއްދަ އަދާނީ ގްރޫޕަށް އޮސްޓްރޭލިއާގެ ސަރުކާރުން ދީފައިމިވަނީ، ތިމާވެށި ހިމާޔަތްކުރާން މަސައްކަތްކުރާ ފަރާތްތަކުން މިކަމާއި ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

ކާމައިކަލް މައިން ހުންނަ ސަރަހައްދުގައި ދިރިއުޅޭ ދޫނިސޫފާސޫފި ހިމާޔަތް ކުރުމަށް އަދާނީ ގްރޫޕުން ޕްލޭނެއް އެކުލަވާލާފައި ވާއިރު، އޮސްޓްރޭލިއާގެ ސަރުކާރުންވަނީ އެ ޕްރޮގްރާމް ހިންގުމަށްވެސް އެ ކުންފުންޏަށް ހުއްދަ ދީފައެވެ.

"އަހަރެންގެ އެންމެ ބޮޑު އަމާޒަކަށްވާނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ހުރިހާ ގާނޫނަކާއި ގަވާއިދަކާއި އެއްގޮތަށް އަމަލުކޮށް، މި މަޝްރޫއުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން،" އަދާނީ ގްރޫޕްގެ ބޯޓުދެލި ނެގުމާއިބެހޭ ބައިގެ ސީއީއޯ ލޫކަސް ޑައު ބުންޏެވެ.

މައިން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ހުއްދަ އަދާނީ ގްރޫޕަށް ދީފައިވީ ނަމަވެސް، ބޯޓުދެލި ނެގުމުގެ މަސައްކަތް ފެށުމުގެކުރީން، އެ ކުންފުނިން އިތުރު ދިރާސާތަކެއް ހަދާ، އިތުރު ހުއްދަތަކެއް ހޯދާން ޖެހޭނެއެވެ.

މި މަޝްރޫއަކީ، ދުނިޔޭގައިވާ އެންމެ ބޮޑު މުރަކަފަރު ކަމަށްވާ ގްރޭޓް ބެރިއަރ ރީފްގެ "މަރު" ކަމަށް ތިމާވެށި ހިމާޔަތްކުރާން މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.

ބޯޓުދެލިނަގާ މައިނުން ބޭރުވާ ކާބަންގެ ސަބަބުން އެ ސަރަހައްދުގެ ޖައްވާއި ތިމާވެށި ތަޣައްޔަރުވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މަޝްރޫއުގެ ސަބަބުން، މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ގްރޭޓް ބެރިއަރ ރީފްއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އެ ފަރާތްތަކުން އިންޒާރު ކުރެއެވެ.