މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ކަނޑުތަކުގެ ދިރުންތަކާއި، ޖަންގަލީގެ ދިރުންތަކަށެވެ. މޫސުމީ ބަދަލުތަކާއި، މަސްވެރިކަމާއި، އަދި ކުނީގެ ސަބަބުން ދުނިޔޭގެ މުރަކަ ފަރުތަކުގެ ދެބައިކުޅަ އެއްބައިވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި މަރުވެފައެވެ. އަދި، ކަނޑުގެ ފިނިހޫނުމިން އިތުރުވެ، "ކޮރަލް ބްލީޗިންގ" ނުވަތަ މުރަކަ ހުދުވުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފްގެ ދެބައިކުޅަ އެއްބައި މިހާރުވަނީ މުޅީން ހަލާކުވެފައެވެ.

މާހިރުން ބުނާ ގޮތުގައި، 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވާ ފަރުތައްވާނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. މިކަން ހުއްޓުވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. މޫސުމީ ބަދަލުތައް ކުޑަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތުން، އެމެރިކާގެ 2 ވިޔަފާރިވެރިއަކު މިވަނީ މިމަަސައްކަތުގައި އެމީހުންނަށް ކުރެވޭން ހުރި މަސައްކަތެއް ކުރުމަށް އަޒުމް ކަނޑައަޅައި، މަސައްކަތް ފަށާފައެވެ.

29 އަހަރުގެ 2 މީހުން ކަމަށްވާ ސޭމް ޓީކަރ އަދި ގެއިޓަރ ހެލްޕަރން މަސައްކަތް ކުރަމުންދަނީ މުރަކަ ހައްދައި އާލާކުރުމަށެވެ. ތަފާތު ގޮތަކަށެވެ. އެމީހުން މުރަކަ ހައްދަނީ އެއްގަމުގައި ތައްޔާރުކޮށްފައިވާ ޚާއްސަ ޓޭންކު ތަކެއްގައެވެ. ޓީކަރ އަދި ހެލްޕަރންގެ މަސައްކަތުން، އެއްގަމުގައި ބިނާކޮށްފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ މުރަކަ "ދަނޑު" މިހާރު މިވަނީ ބިނާކޮށްފައެވެ. މިތަން ހުންނަނީ ކެރީބިއަންގެ ރަށެއް ކަމަށްވާ ގްރޭންޑް ބަހާމާގައެވެ.

މިމަޝްރޫއަށް ޓީކަރ އަދި ހެލްޕަރން ފައިސާ ޖަމާކޮށްފައިވަނީ އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކުއެވެ. 2 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު، އެމީހުންގެ މަޝްރޫއު މިވަނީ "ކޮރަލް ވީޓާ" ގެ ނަމުގައި ފަށާފައެވެ.

"ފަރުތައް މަރުވުމަކީ، ހުރިހާ ގޮތަކުންވެެސް އޮތް ބޮޑު ގެއްލުމެއް. ފަރުތަކަކީ، ކަނޑުގެ ދިރުންތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ދިރިހުރުމަށް ބަރޯސާވާ އެއްޗެއް. އަދި، އެ ދިރުންތަކަކީ، ބިލިއަނަށްވުރެ ގިނަ އިންސާނުން އެއަށް ބަރޯސާވާ އެއްޗެއް. އެހެންވީމަ، އަޅުގަނޑުމެންގެ ކުރިމަގުވެސް މިއޮތީ ފަރުތަކުގެ ދެމިއޮތުމާއި ގުޅި ލާމެހިފައި،" ޓީކަރ ބުންޏެވެ.

ކޮރަލް ވީޓާއިން ފަރުތައް ހިމާޔަތްކުރަން ބޭނުންކުރަނީ "މައިކްރޯ ފްރެގްމެންޓޭޝަން" ކިޔާ އުކުޅެކެވެ. އެއީ، ކުދި މުރަކަކޮޅުތަކެއް ނަގައި، އެތަކެތި ޓޭންކުތަކުގައި ދިރުވައި އާލާކުރުމެވެ. މި އުކުޅު ބޭނުން ކުރުމުން، މުރަކަތައް ހެދިބޮޑުވާ މިންވަރު 50 އިންސައްތައަށް އަވަސްވެއެވެ. އަދި، ވަކި ވަރަކަށް ބޮޑުވުމުން، މި މުރަކަތައް ކަނޑާއި ފަރުގެ ސަރަހައްދުތަކަށް ބަދަލުކުރެއެވެ.

ކޮރަލް ވީޓާއަކީ ވިޔަފާރީގެ އުސޫލުން ފަރުތައް ހިމާޔަތްކުރާން މަސައްކަތްކުރާ ކުންފުންޏެކެވެ. މި ކުންފުނީގެ ޚިދުމަތްތައް، ސަރުކާރުތަކާއި، ތިމާވެށި ހިމާޔަތްކުރާން މަސައްކަތް ކުރާ އެހެން ކުންފުނިތަކާއި، އިންޝުއަރެންސް ކުންފުނިތަކަށްވަނީ ހުޅުވާލާފައެވެ.

ކޮރަލް ވީޓާއިން މިހާރުވެސް 10 ވައްތަރެއްގެ މުރަކައެއްގެ 10،000 "ކޮރަލް ފްރެގްމެންޓް" ހެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި، އެހެން ގައުމުތަކުގައި މިފަދަ މަރުކަޒުތައް ގާއިމްކުރުމަކީ އެމީހުންގެ އަމާޒެކެވެ.