1964 ވަނަ އަހަރު ނެރުނު ޖޭމްސް ބޮންގް ސީރީޒްގެ ފިލްމު ކަމަށްވާ "ގޯލްޑްފިންގަރ" ގައި ބޭނުންކޮށްފައިވާ އެސްޓަން މާޓިން ކުންފުނީގެ ޑީބީ5 މަރުކާރުގެ ކާރު ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

މަޝްހޫރު ނީލަން ފިހާރަ އާރްއެމް ސޮތެބީއިން ބުނީ، ވިއްކާލަން ނިންމާފައިވާ ޖޭމްސް ބޮންޑްގެ ކާރަކީ، ފިލްމުގައި ފެނިގެންދާ މުހިއްމު ކަންތައްތަކެއް އެކުލެވޭ ކާރެއް ކަމަށެވެ.

މީގެތެރޭގައި ކާރުގެ ފެންޑަރުގައި ހަރުކޮށްފައިވާ 2 ބަޑިއާއި، ފިލްމުގައި ފެންނަ ގޮތަށް އެހެން ކާރުތަކުގެ ޓަޔަރުތައް ހަލާކުކޮށްލާން ބޭނުންކުރާ ހަތިޔާރުތައްވެސް މިކާރުގައި ހިމެނެއެވެ.

ބޮންޑް ފިލްމް ސީރީޒްއަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މިކާރު ނީލަމުގައި 4 އާއި 6 މިލިއަން އެމެރިކާ ޑޮލަރުގެ އަގެއް ލިބޭނެ ކަމަށް ސޮތެބީއިން ގަބޫލް ކުރެއެވެ.

ޖޭމްސް ބޮންޑްއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިއާ އިއަން ފްލެމިންގްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ކެރެކްޓަރއެކެވެ. އޭނާވަނީ، މި ރޯލުގެ މައްޗަށް ބިނާކޮށް 12 ފޮތަކާއި، 2 ކުރު ވާހަކައެއް ޝާއިޢުކޮށްފައެވެ.

މި ވާހަކަތަކަށް ބިނާކޮށް، ޖޭމްސް ބޮންޑް ސީރީޒްގެ 24 ފިލްމެއް މިހާރުވަނީ ރިލީޒްކޮށްފައެވެ. މި ފިލްމުތަކުގައި ޖޭމްސް ބޮންޑްގެ ރޯލް ތަފާތު 7 އެކްޓަރެއް އަދާކޮށްފައިވާއިރު، ބޮންޑްގެ ރޯލް މިހާރު އަދާކުރަނީ މަޝްހޫރު އެކްޓަރ ޑެނިއަލް ކްރެއިގްއެވެ. މި ސީރީޒްގެ އަައު ފިލްމް "ބޮންޑް 25" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ.

އެސްޓަން މާޓިންއިން، ބޮންޑްގެ ގޯލްފިންގަރ ފިލްމަށް ޚާއްސަކޮށްގެން ޑީބީ5 މަރުކާގެ 3 ކާރު ފަރުމާކުރިއެވެ. މީގެތެރެއިން 1 ކާރު 2010 ވަނަ އަހަރުވަނީ 4.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލާފައެވެ.

މިދިޔަ އަހަރު އެސްޓަން މާޓިންއިންވަނީ، ޑީބީ5 މަރުކާގެ 25 ނަކަލެއް ބާޒާރަށް ނެރެފައެވެ. މިއިން ކޮންމެ ކާރެއް ވިކިފައިވަނީ 3.5 މިލިއަން އެމެރިކާ ޑޮލަރުގެ އަގެއްގައެވެ.