ކުވެއިތާއި ސައޫދީ އަރަބިއްޔާގެ ސަރަހައްދުތަކަށް ރެކޯޑް މިންވަރަކަށް ހޫނު ގަދަވެ، ހޫނުގެ ސަބަބުން ކުވެއިތުގައި އެކަކު މަރުވެއްޖެއެވެ.

ކުވެއިތަށް ބަލައިލާއިރު، ހިޔަލުގައި ފިނިހޫނުމިން ހުރީ ރެކޯޑް 52.2 ޑިގްރީ ސެލްސިއެސްގައެވެ. އަދި، އަވީގައި ފިނިހޫނުމިން ހުރީ ރެކޯޑް 63 ޑިގްރީ ސެލްސިއެސްގައެވެ. ސައޫދީ އަރަބިއްޔާއަށް ބަލައިލާއިރު، މެންދުރު ނަމާދުގެ ވަގުތުގައި އަލްމަޖްމާހް ސަރަހައްދުގައި ފިނިހޫނުމިންވަނީ 55 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސްފައެވެ.

ކުވެއިތާއި ސައޫދީ އަރަބިއްޔާ ހިމެނޭ ސަރަހައްދަށް ހޫނު މޫސުން ރަސްމީކޮށް މި ޖޫންމަހުގެ 21 ވަނަ ދުވަހު ފެށޭއިރު، އެ ސަރަހައްދަށް އާދަޔާއި ޚިލާފަށް ހޫނު ގަދަވާނެ ކަމަށް މޫސުން ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.

އާދަޔާއި ޚިލާފަށް ހޫނުގަދަވުމުގެ އަސަރު ޤަތަރު، ބަހްރެއިން އަދި އެކުވެރި އަރަބި ޢިމާރާތަށްވެސް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ވައިގެ ތެތްކަންވެސް ހުންނާނީ ވަރަށް މަތީގައެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކުވެއިތްގައި ފިނިހޫނުމިން 68 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.

މެދުއިރުމަތީގެ ބައެއް އެހެން ސަރަހައްދުތަކުގެ ފިނިހޫނުމިން ހުރިގޮތަށް ބަލައިލާއިރު، އިރާގުގައި ފިނިހޫނުމިންވަނީ 55.6 ޑިގްރީގައި ރެކޯޑްކުރެވިފައެވެ. އެކުވެރި އަރަބި ޢިމާރާތުގައި ފިނިހޫނުމިން ހުރީ 48 ޑިގްރީ ސެލްސިއެސްގައެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެލީގެ ތޫފާންތައް އަރާނެ ކަމަށްވެސް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.