ގޫގްލްގެ ފޯނު ކަމަށްވާ ޕިކްސެލްއަށް ލޯބިކުރާ ފަރާތްތަކުގެ އިންތިޒާރަށް ނިމުމެއް އަންނަނީއެވެ. ގޫގްލްގެ އެންމެފަހު ފޯނު، ޕިކްސެލް 4 މިވަނީ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.

ގޫގްލްއިން ކުރި ޓްވީޓެއްގައި، ޕިކްސެލް 4 ގެ 2 ފޮޓޯއެއް ދައްކާލާފައިވެއެވެ. މި ފޮޓޯތަކުން ފެންނަ އެންމެ ބޮޑު ތަފާތަކީ، ޕިކްސެލްގެ ކުރީގެ ފޯނުތަކާއި އަޅާ ބަލާއިރު، ފޯނުގެ ފަރުމާއަށް ގެނެސްފައިވާ ބަދަލުތަކެވެ.

ޕިކްސެލްގެ ފޯނުތަކުގެ ކެމެރާއަކީ ކޮލިޓީއަށް ބަލައިލާއިރު ގިނަ ބަޔެއްގެ ތާއީދު ލިބިފައިވާ އެއްޗެކެވެ. ކުރިން ނެރެފައިވާ ޕިކްސެލް ފޯނުތަކުގެ ފަހަތުން ފެންނަނީ އެންމެ ކެމެރާއެކެވެ. ނަމަވެސް، ސްމާޓްފޯން އުފައްދާ އެހެން ކުންފުނިތަކުގެ އުފެއްދުންތަކަށް ބަލައިލާއިރު، އެ ފޯނުތަކުން 2 ނުވަތަ 4 ކެމެރާ ހަރުކޮށްފައި ހުރެއެވެ. ގޫލްގް ޕިކްސެލް 4 އިންވެސް މި ފަހަރު އިތުުރު ކެމެރާތަކެއް ފެންނާނެއެވެ.

ޕިކްސެލް 4 ގެ ފޮޓޯތަކަށް ބަލައިލާއިރު، ކުރީގެ މޮޑެލްތަކުގެ ފަހަތުގައި ހަރުކޮށްފައިވާ "ފިންގަރޕްރިންޓް ސްކޭނަރ" އައު ފޯނުން ފެންނާކަށް ނެތެވެ. ޕިކްސެލްގެ ވާދަވެރީންގެ ތެރެއިން ސަމްސުންގް އަދި ވަންޕްލަސްގެ ފޯނުތަކުގައި ފިންގަރޕްރިންޓް ސްކޭނަރ މިހާރު ހަރުކޮށްފައިވަނީ ސްކްރީންގެ ދަށުގައެވެ. އަދި، އެޕަލްއިން ބަރޯސާވަނީ "ފޭސް އައިޑީ" އަށެވެ.

ޕިކްސެލް 4 އިން ދެން ފެނިގެންދާނެ އަނެއް ތަފާތަކީ، ފޯނުގައި ބޭނުންކޮށްފައިވާ އޮޕަރޭޓިންގް ސިސްޓަމެވެ. މިއީ، އެންޑްރޮއިޑްގެ އެންމެ ފަހުގެ ސިސްޓަމެވެ.

ޕިކްސެލް 4 ނެރޭނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު، ޕިކްސެލް 3 ބާޒާރަށް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި، އެއަށްފަހު އަގުހެޔޮ މޮޑެލްއެއް ކަމަށްވާ ޕިކްސެލް 3އޭ މިދިޔަ މަހުވަނީ ބާޒާރަށް ނެރެފައެވެ.