ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ލަވަ އެންމެ ފުރަތަމަ ބެލުންތެރިންނަށް ދައްކާލާފައިވަނީ މިއަދު މެންދުރުފަހު ވީޓީވީން ގެނެސްދިން "ހަމީދުގެ މެހެމާންސަރާ" ޕްރަގްރާމްގައެވެ. އެ ޕްރަގްރާމް ފެށުމުގެ ގޮތުން ގެެނެސްދީފައިވަނީ މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދުގެ އަޑުން އިވިގެންދިޔަ ބަވަތީގެ ހިތްގައިމު ޕްރޮމޯޝަނަލް ލަވައެވެ. އެ ޕްރަގްރާމް ބެލި ގިނަ މީހުންވެސް ވަނީ ލަވައިގެ ފުރިހަމަކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މިހާރު އެލަވަ ވަނީ "ބަވަތި" ފޭސްބުކް ޕޭޖުގައިވެސް ޕޯސްޓްކޮށްފައެވެ. އަދި މިރޭ ވީޓީވީގެ ސިނަމާ ޕްރަގްރާމްގައި މި ލަވަ ބެލުންތެރިންނަށް ދައްކާލާނެއެވެ.

މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ މިސްޓީ އެވެ. ލަވައިގެ ޅެން ހަދާފައިވަނީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ. ލަވައިގެ ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް)އެވެ.

"މާކުރީގެ ހަނދާނެކޭ މިއީ..... ދީފައިވާ އަނިޔާއެކޭ މިއީ..... ނުފިލާނޭ ހިތުން މަގޭ... މިތުރުނޭ އަހާ ހަގީގަތް..." ޖައިޝާގެ އަޑުން އިވިގެންދާ ހިތްގައިމު ލަވަ ފެށިގެންދަނީ މި އިބާރާތްތަކުންނެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ލަވައިގައި "ބަވަތި" މި ފިލްމުގައި ހިމެނޭ ހުރިހާ ތަރިންނާއި، ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކެއްވެސް ފެނިގެންދެއެވެ. މިއީ މިހާތަނަށް ދިވެހި ފިލްމަކުން ފެނިގެންދިޔަ އެންމެ ތަފާތު އެއް ޕްރޮމޯޝަނަލް ލަވަކަން ފާހަގަކޮށްލެވެއެވެ.

މުޅި ލަވައިންވެސް ފިލްމުގައި ފެނިގެންދާނެ "ރިހުން" ބުނެދެއެވެ. ނުޒޫ (ޝެހެނާޒް)ގެ ހަޔާތުގެ އަދިރި ފަރާތް ލަވައިން ވަރަށް ރީތިކޮށް ބުނެދެއެވެ. މާކުރިން އޭނާގެ ހަޔާތުގައި ހިނގާފައިވާ އެތައް ހާދިސާތަކެއް މުސްތަގްބަލަށް ހިޔަނި އަޅާކަން ބުނެދެއެވެ. އެއީ ދީފައިވާ އަނިޔާތަކެއްކަމަށާ އެ އަނިޔާގެ ހަނދާންތައް ޝެހެނާޒްގެ ހަޔާތުން ފިލައިގެން ނުދާކަން އެނގެއެވެ.

މީގެ އިތުރުންވެސް ލަވާގައި ޖައިޝާގެ ކުޅަދާނަކަންވެސް ވަނީ ދައްކާލާފައެވެ. ޖައިސާގެ އަޑުގެ ހިތްގައިމުކަމާއި އެއްވަރަށް ޖައިޝާގެ ކުޅަދާނަ އެކްޓިންވެސް ލަވައިން ފެނިގެންދެއެެވެ. ވަރަށް ސީރިއަސް ލުކެއް ޖައިޝާގެ ފަރާތުން ފެނިގެންދާނެ ލަވައިގެ ރިހުން ޖައިޝާގެ މޫނުތަކުން ވަރަށް ރީއްޗަށް ގެނެސްދީފައިވެއެވެ.

"ބަވަތި"ގެ ޕްރޮމޯޝަނަލް ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ލަވައިގެ ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް)އެވެ.

ތިރީގައި މިވަނީ "ބަވަތި" މި ފިލްމުގެ ޕްރޮމޯޝަނަލް ލަވައެވެ. އަވަހަށް ބަލާލާށެވެ.