ދީނާ ގުޅުވައިގެން ހިންގާ ހަމަނުޖެހުންތައް ކުށްވެރިކުރުމަށާއި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައި، އެފަދަ ހަމަނުޖެހުންތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޟިރުކުރުމަށް އެމެރިކާއިން އިންޑިއާއަށް ގޮވާލައިފިއެވެ.

އެމެރިކާއިން މިކަމަށް ގޮވާލީ، އެމެރިކާ ސަރުކާރުގެ އެކްޓިންގ އަންޑަރ ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، އެލިސް ވެލްސް، އެމެރިކާގެ ހައުސް އޮފް ރެޕްސްގެ ޚާރިޖީ ގުޅުންތަކާބެހޭ ސަބް ކޮމިޓީއަށް މިއަދު ހުށަހެޅުއްވި ބަޔާނެއްގައެވެ.

އެލިސް ވެލްސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އިންޑިއާއަކީ ތަފާތު ދީންތަކާއި، ތަފާތު ނަސްލުތަކާއި ދަރިކޮޅުތަކުގެ މައްޗަށް އެކުލެވޭ ގައުމެއްކަމުން އެކަން އެގޮތުގައި ދެމެހެއްޓުން މުހިންމު ކަމަށެވެ.

ވަކި ދީނެއްގެ ބަޔަކަށް ވީތީ އިންޑިއާގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވައި އެލިސް ވެލްސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދީނީ މިނިވަންކަމަކީ އިންޑިއާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.

"އިންޑިއާގައި އަލަށް އިންތިޚާބުވެވަޑައި ގެންނެވި ލީޑަރުންނާއި، މުއައްސަސާތަކުގެ ކިބައިން އަޅުގަނޑުމެން އުންމީދުކުރަނީ، ދީނާ ގުޅުވައިގެން ހިންގާ ހަމަނުޖެހުންތައް ވަގުތުން ކުށްވެރި ކުރެއްވުމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޟިރުކޮށް ހައްގު އަދަބު ދިނުމަށް" އެމެރިކާ-އިންޑިއާގެ ގުޅުމާ ބެހޭގޮތުން އެލިސް ކޮމިޓީއަށް ހުށަހެޅުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެފަދައިން އިންޑިއާއިން ކަންކުރާނަމަ، އިންޑިއާގެ ސަލާމަތާއި އިގްތިސާދީ ދުޅަހެޔޮކަމަށް އޭގެ މަންފާކޮށް އެމެރިކާއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށްވެސް އިތުރު ހަރުދަނާކަމެއް އަންނާނޭ ކަމަށް އެލިސް ވިދާޅުވެފައި ވެއެވެ.

މިޚަބަރު ރިޕޯޓްކުރުމުގައި އެމެރިކާގެ މީޑިއާއިންވަނީ، ނިމިގެންދިޔަ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ކެމްޕެއިންގައި ގެންގުޅުނު ޝިއާރުތައް ފާހަގަ ކޮށްފައެވެ. އެގޮތުން، ހިންދޫންގެ އެޖެންޑާއަށް އިސްކަންދޭ ސިޔާސަތުތަކަށް ކެމްޕެއިން ކޮށްފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތް، ހިއުމަން ރައިޓްސް ވޮޗުންވަނީ، ހިންދޫ ވަތަނީ ގްރޫޕްތަކުން މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ފާހަގަ ކޮށްފައެވެ. އެއީ، ގެރި ހިމާޔަތް ކުރުމުގެ ނަމުގައި ރަށުތެރެއަށް ނުކުމެ އުޅޭ ގްރޫޕްތަކެވެ.

އެފަދަ ގްރޫޕްތަކުން މުސްލިމުން މަރައި، މުސްލިމުންނަށް ބޮޑެތި އަނިޔާތައް ދެމުންގެންދާއިރު، އެފަދަ ހަމަލާތައް ވެރިކަންކުރާ ބީޖޭޕީގެ އިސްވެރިން ދިފާއުވެސް ކުރައްވާކަން ފާހަގަ ކޮށްފައި ވެއެވެ.

ގައުމުގެތަކުގެ އިންސާނީ ހައްގުތަކުގެ ޕްރެކްޓިސްއާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖިއްޔާއިން މިއަހަރު ނެރުނު ރިޕޯޓްގައިވެސް، އިންޑިއާގައި ދީނީ ގުޅުވައި މީހުންނަށް ހަމަލާދިނުން އިތުރުވަމުންދާކަން ފާހަގަ ކޮށްފައި ވެއެވެ. އެންމެ ނާޒުކު ހާލަތެއް މެދުވެރިވެފައިވަނީ މުސްލިމުންނާއި، ދާލިތު ނަސްލުގެ މީހުންނަށް ކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.