އިނގިރޭސިވިލާތުން ހޮންގްކޮންގ ސަރުކާރަށް ތައުރީފް ކޮށްފިއެވެ.

އިނގިރޭސިވިލާތުން ހޮންގްކޮންގ ސަރުކާރަށް ތައުރީފް މިކުރީ، ހޮންގްކޮންގެ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގަން ޗައިނާއަށް ފޮނުވޭގޮތަށް ކަނޑައަޅައި ތައާރަފްކުރާން އުޅުނު ގާނޫނުގެ ބިލުގެ މައްސަލާގައި ހޮންގްކޮންގެ މިލިއަނަކަށްވުރެ ގިނަ ބަޔަކު ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމާއި ގުޅިގެން ހޮންގްކޮންގ ހުއްޓުމަކަށް އައިސް، ގާނޫނުގެ ބިލުގެ ދެލިކޮޕީ ސަސްޕެންޑް ކުރުމަށް ހޮންގްކޮންގ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ގާނޫނުގެ ދެލިކޮޕީ ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރެއްވިކަން އިޢްލާން ކުރެއްވީ، ހޮންގްކޮންގ ސަރުކާރުގެ ވެރިޔާ ކެރީ ލާމްއެވެ. އެ ބިލްގެ އެއްވެސް މަސައްކަތެއް ގާނޫނުހަދާ މަޖިލީހުން ނުކުރާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ދެން އަޅާނެ ފިޔަވަޅެއް ނިންމަވާނީ ސިޔާސީ އެހެން ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށްވެސް ކެރީ ލާމް ވިދާޅުވިއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ކުރެއްވި ޓްވީޓެއްގައި ވަނީ، ހޮންގްކޮންގ ސަރުކާރުގެ ނިންމުމަށް މަރްހަބާ ވިދާޅުވެފައެވެ. އަދި އިންސާނީ ހައްގުތަކުގެ ދިފާއުގައި ތެދުވި ހޮންކޮންގެ ހިތްވަރުގަދަ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަނެ، ގާނޫނުގެ ދެލިކޮޕީ ސަސްޕެންޑްކުރި ކަމަށްޓަކައި ސަރުކާރަށް ތައުރީފްވެސް ކުރައްވާފައި ވެއެވެ.

ހޮންގްކޮންގ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގަން ޗައިނާއަށް ފޮނުވިދާނެ ކަމަށް ކަނޑައަޅައި އެކުވަލާލި ބިލުގެ ދެލިކޮޕީއާ ދެކޮޅު ހަދައި މިލިއަނަކަށްވުރެ ގިނަމީހުން މިދިޔަ އާދީއްތަދުވަހު މަގުތަކަށް ނުކުތެވެ. އޭގެކުރިންވެސް ގެންދިޔައީ މުޒާހަރާތައް ކުރަމުންނެވެ.

މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ގެންދިޔައީ، ކަރުނަގޭސް ޖަހައި އަދި ރަބަރު ވަޒަނުންވެސް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން އޭޝިޔާގެ ވިޔަފާރީގެ މައި ހަބުގެ ގޮތުގެ ބެލެވޭ ހޮންގްކޮންގް މުޅީން ހުއްޓުމަކަށް އައެވެ.

އިނގިރޭސީންގެ ބާރުގެ ދަށުގައި 100 އަހަރު އޮތުމަށްފަހު، އިނގިރޭސިވިލާތުން ހޮންގްކޮންގ ޗައިނާއާ ހަވާލުކޮށްފައިވަނީ 1997 ވަނަ އަހަރުއެވެ.

އެކަމަކު އިނގިރޭސީން ހޮންގްކޮންގ ޗައިނާއާ ހަވާލުކުރީ "ސީނޯ-ބްރިޓިޝް ޑިކްލަރޭޝަން" ގެ ދަށުންނެވެ. އެ އެއްބަސްވުމުގައިވަނީ، ހޮންގްކޮންގ އޮންނާންވަނީ "އެއްގައުމު-ދެނިޒާމު" އުސޫލަށް ކަމަށެވެ. މާނައަކީ ހޮންކޮންގަށް ޒާތީ މިނިވަންކަން އޮތުމެވެ. ޗައިނާގެ އެއްވެސް ހިސާބެއްގައި ނޯންނަފަދަ މިނިވަންކަމެއް ހޮންގްކޮންގަށް ލިބިގެންވެއެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަކީ ހޮންގްކޮންގެ މުސްތަގްބަލަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، އިނގިރޭސިވިލާތް އޮތީ އެ އެއްބަސްވުންމަތީގައި ކަމަށެވެ.