މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ބައިވެރިވާ ވަފުދުތައް ރާއްޖެއަށް އަންނަން ފަށައިފި އެެވެ.

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ރާއްޖޭގައި ބާއްވާ ފޯރަމް ކަމަށް ފޯރަމް އިންތިޒާމްކުރާ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ސަފީރުންގެ ތެރެއިން މާލެ، ކޮޅުނބު އަދި ދިއްލީގައި ތިއްބަވާ ގިނަ ސަފީރުން ފޯރަމްގައި ބައިވެރިވެވަޑައި ގަންނަވާނެއެވެ. ފޯރަމްގައި ބައިވެރވާ ސަފީރުންގެ ތެރެއިން ބައެއް ބޭފުޅުން ހޮނިހިރު ދުވަހު ވަޑައިގެންފައިވާއިރު، ބާކީ ތިއްބެވި ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ފޯރަމް ބޭއްވުމަށް ހަމަޖައްސާފައިވާ ކުރުނބާ މޯލްޑިވްސް ވަނީ ފޯރަމަށް ތައްޔާރުވެފައި ކަމަށާއި ފޯރަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވުމަށް މާދަމާ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޯރަމްގައި ބައިވެރިވެވަޑައި ގަންނަވާ ބޭފުޅުންގެ ޝަރަފުގައި މާދަމާ ރޭ ޝެރެޓަން މޯލްޑިވްސް ރިސޯޓުގައި ފޮރިން މިނިސްޓަރ ޝާހިދު ދެއްވާ ރިސެޕްޝަނެއް އޮންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު ކުރުނބާ މޯލްޑިވްސްގައެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރ ޝާހިދު އަދި ފިނޭންސް މިނިސްޓަރ އަމީރު ވާހަކަފުޅު ދައްކަވާނެއެވެ.

ފޯރަމްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ ސެޝަންތަކުގެ ތެރޭގައި މާލީ އަދި އިގްތިޞާދީ ދާއިރާ، ނޫ އިގްތިޞާދު، އިޖްތިމާޢީ ދާއިރާ، އިދާރާތައް ހަރުދަނާކުރުން އަދި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ތަރައްރީކުރުން ހިމެނެއެވެ.