ކަނޑުތަކަށް ކުނިނޭޅުމަށާއި، ކަނޑުތަކުން ކުނިނެގުމަށް ވައުދުވެ ރާއްޖޭގެ 84 ކަނޑު އުޅަނދާއި 11 ކުންފުންޏަކުން ރައީސުލްޖުމުހޫރިއްޔާއަށް އެވަޢުދުގެ ލިޔުން އަރުވައިފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ޖަލްސާގައި ދޯނިތަކުގެ ފަރާތުންނާއި ކުންފުނިތަކުން ވައުދުގެ ލިޔުން ރައީސުލްޖުމުހޫރިއްޔާގެ އިބުރާހިމް މުހައްމަދު ޞާލިޙްގެ އަތްޕުޅަށް އަރުވައި، އެމަނިކުފާނާއި އަދި އެންވަޔަރަންމަންޓް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާއި އެކު ހަނދާނީ ފޮޓޯއެއްވެސް ވަނީ ނަގާފައެވެ.

މިވަޢުދަކީ ރާއްޖޭގެ ކަނޑުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ ޕާލޭގެ އެވޮއިޑް އިންޓަރސެޕްޓް ރެޑިއުސިންގ ސްޓްރެޓަޖީ، ނުވަތަ ޕާލޭ އެއާ ސްޓްރެޓެޖީގައި ބައިވެރިވެ ވާ ވަޢުދެކެވެ.

ކަނޑުތަކަށް ކުނި ނޭޅުމަށް ވަޢުދުވެ، އިޤުރާރުވި މަސްވެރި އުޅަނދު ފަހަރާއި ފެރީ އުޅަނދު ފަހަރަކީ ރާއްޖޭގެ 23 ރަށަކަށް ނިސްބަތްވާ އުޅަނދުފަހަރެވެ. މިގޮތުން މިވަޢުދުގައި އެންމެ ގިނަ އުޅަނދުތައް ބައިވެރިވި ރަށްރަށުގެ ތެރޭގައި، އއ ރަސްދޫ އާއި ފ ނިލަންދޫ އާއި ގދ ތިނަދޫ އާއި ގއ ގެމަނަފުށީގެ އިތުރުން ފަރެސްމާތޮޑާ ހިމެނެއެވެ.

ކަނޑުތަކަށް ކުނިނޭޅުމަށް ވައުދުވި މަސްވެރި ދިވެހި ކުންފުނިތަކުގެ ތެރޭގައި މިފްކޯ އާއި ސީޕްރިއާ އަދި އެންސިސްގެ އިތުރުން މޯލްޑިވުސް މެރިން ޕްރޮޑަކްޓް ހިމެނެއެވެ. އަދި މީގެ އިތުރުން ބުލޫ ވެންޗާ އިންޓަރނޭޝަނަލް އާއި، އޯޝަން ފްރެޝް، މޯލްޑިވުސް ކޮލިޓީ ސީފުޑް އަދި ޔޫރޯ ގުލޯބަލް މޯލްޑިވުސް އާއި ސީސްޕައިން މޯލްޑިވުސް، ބިގްފިޝް މޯލްޑިވުސް، އޯޝަން ސީފުޑާއި، އޯޝަން ވެންޗާއިން ވަނީ މިވަޢުދުވެފައެވެ.

މިވައުދުގެ ދަށުން އެއުޅަނދު ފަހަރާއި ކުންފުނިތަކުން ކަނޑުތަކަށް ކުނިނޭޅުމުގެ އިތުރުން ކަނޑުތަކުން އެއްކުރެވޭ ކުނި ކަނޑައެޅޭ ވަކިތަންތަނަށް ގެނެސް ޖަމާކޮށް ދޭނެއެވެ.