ޕާލޭ އެއާ ހަރަކާތުގައި ބައިވެރިވެފައިވާ ސްކޫލުތަކުން ގާތްގަނޑަކަށް 30 ޓަނުގެ ޕްލާސްޓިކް ކުނި ޕާލޭ އާއި ހަވާލުކޮށްފައިވާ ކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، މިއަދު ތިމާވެށި ރައްކާތެރިކޮށްދިނުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ، ސްކޫލު ދައުރުގައި ތިމާވެށި ކުލަބުތަކުގައި އިސްނަގައި ހަރަކާތްތެރިވި ދަރިވަރުން ކަމަށެވެ.

އެކަމުން އެނގެނީ ގައުމެއްގެ ކަމެއް ވަކި ގޮތަކަށް ބައްޓަން ކުރަން ބޭނުންވާނަމަ އެކަމަކަށް އަހުލުވެރި ކުރުވަން ވާނީ އެޤައުމެއްގެ ކުޑަކުދިން ކަމުގައި ބުނާ ބުނުމުގެ ތެދުކަން ކަމުގައި އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

"ޕާލޭ އެއާ ހަރަކާތުގައި މިހާތަނަށް 83 ސްކޫލަކުން ބައިވެރިވެ ޖުމުލަ 29،460 ކިލޯ، ގާތްގަނޑަކަށް 30 ޓަނުގެ ޕްލާސްޓިކް ކުނި ޕާލޭ އާއި ހަވާލު ކުރެވިފައިވޭ". މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ، ސްކޫލުތަކުގައި ޕްލާސްޓިކް މަދުކުރުމަށް އަދިވެސް ކުރެވިދާނެ ކަންކަން އެބަހުރިކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ތަންފީޒު ކުރުމުގައި ދަތިތައް ހުރިކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޑރ އައިޝަތު އަލީ ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުގައި ޕްލާސްޓިކް ގިނަވާން މެދުވެރިވާ ސަބަބަކީ އޭގެ އަގުހެޔޮކަމާއި ލުއިކަމާއި ވަރުގަދަކަން ކަމަށެވެ.

އަދި ބައެއް ޤައުމުތަކުގައި ތަރައްޤީ ވަޒަން ކުރުމަށް މީހެއްގެ ބޮލަކަށް ޕްލާސްޓިކް އުފައްދާ މިންވަރުވެސް މިންގަނޑެއްގެ ގޮތުގައި ބަލާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.