ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ ލީގުގެ ފެށުން ފޯކައިދޫއިން ރަނގަޅު ކޮށްފިއެވެ.

ފޯކައިދޫ މިމެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ފޯކައިދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޔޫވީގެ ފަރާތުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.

މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ފޯކައިދޫ އެވެ. މެޗުގެ ފުރަތަމަ ގޯލް 66 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝާމިއު އެވެ. އޭނާ މިގޯލު ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުސްވި ބޯޅައިންނެވެ.

މި ގޯލު ކާމިޔާބުކުރިތާ ތިން މިނެޓުފަހުން ޔުނައިޓެޑް ވިކްޓްރީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި މިގޯލު ކާމިޔާބުކުރީ ޔޫވީގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

މިއީ އޭރިއާ ބޭރުގައި ހުރެ ނައްޓޭ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ބޯޅަ ދިފާއުކުރަން ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

ޔޫވީއިން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓުފަހުން ފޯކައިދޫއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި މިގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން ފުވާދުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނީ، މިއީ އުނދަގޫ މެޗެއް ކަމަށާއި މެޗުގެ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިމެޗުގައި ފޯކައިދޫއަށް ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށްވެސް ކޯޗު ބުންނެވެ.

ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ، މެޗުގައި ފޯކައިދޫއިން ލަނޑުޖެހި ހިސާބުން ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. މި ނަތީޖާއާމެދު މާޔޫސްނުވާ ކަމަށާއި އިދިކޮޅަށް ކުޅުނު ފޯކައިދޫ ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުދަދުވަހުގައެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްްޓަރީ އެވެ.