ރައްޓެހިވެގެން އުޅުނު ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ދެމީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 7:15 ހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެެވެ.

ެއަދި އެމައްސަލައިގައި ބެލި ބެލުމުން އެއީ ގެވެށި އަނިޔާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި އަންހެން މީހާއަށް އަނިޔާވެފައިވާތީ ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި ފިރިހެންމީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައި ވާކަމަށެވެ. އަދި އެމައްސަލަ ތަޙުޤީޤު ކުރަމުންދާކަމުގައިވެސް ފުލުުހުން ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު މިމާރާމާރީ ހިނގާފައި ވަނީ ހެންވޭރު ތަނޑިރަތްމާ ގޯޅީގެ ތެރޭގައެވެ. އަންހެންމީހާއަށް އެފިރިހެން މީހާ އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.