މަކަރާއިހީލަތުން އޮޅުވާލައިގެން ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ހޭދަކުރި މައްސަލާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނބިމީހާ ސާރާ ނަތަންޔާހޫ ކުށްވެރިވާ ކަމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މިބާވަތުގެ ކުށަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައި ވީނަމަވެސް، ކޯޓުން ހުކުމް ކޮށްފައިވަނީ ނަހަމަގޮތުގައި ސަރުކާރުގެ ބަޖެޓުން ހޭދަކުރި ފައިސާ އަނބުރާ ދެއްކުމަށެވެ. އަދި ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

އެގޮތުން، ސާރާ ނަތަންޔާހޫ 10،000 ޝެކެލްސް (2،800 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފައިވާއިރު، އޮޅުވާލައިގެން ސަރުކާރުގެ ބަޖެޓުން ހޭދަކުރި 45،000 ޝެކެލްސް އަނބުރާ ދެއްކުމަށްވެސް ފަނޑިޔާރު ހުކުމް ކޮށްފައި ވެއެވެ.

ސާރާ ނަތަންޔާހޫގެ ފިރިކަލުން ބޮޑުވަޒީރު ނަތަންޔާހޫއަކީ މިލިއަނަރެއް ނަމަވެސް، ސާރާ ކޯޓުގައި އެދުނީ އިންސްޓޯލްމަންޓް އުސޫލުން މަހަކު ވަކިވަރެއް ދައްކާގޮތަށް ހަމަޖައްސައި ދިނުމަށެވެ. ފަނޑިޔާރުވަނީ އެކަމަށްވެސް ހުއްދަ ދީފައެވެ.

ބޮޑުވަޒީރުގެ ގޭގައި ކައްކާއެއް ނެތްކަމަށްބުނެ، އެކި ފަހަރުމަތިން ބޭރުން ކާއެއްޗެހި އޯޑަރުކޮށްގެން ގެނައުމަށް ސާރާ ނަތަންޔާހޫ ލައްކައެއްހާ އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ އުފުލުނީ 2018 ވަނަ އަހަރުއެވެ.

އިސްރާއީލުގެ ފުލުހުން ހިންގި ދިގުލީ ތަހްގީގުން ހާމަވިގޮތުގައި، ބޮޑުވަޒީރުގެ ރަސްމީ ގޭގައި ވަޒީފާ ދީފައިހުރި ކައްކާއެއް ހުއްޓާވެސް، ކައްކާއެއް ނެތްކަމަށް ބުނެ ސާރާ ނަތަންޔާހޫ ރެސްޓޯރަންޓްތަކަށް އޯޑަރުކޮށްގެން އެތައްފަހަރަކު ގެއަށް ކާއެއްޗެހި ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް ޚަރަދުކޮށްފައިވަނީ ސަރުކާރުގެ ފައިސާ ކަމަށާއި، ގޭގައި ކައްކާނެ މީހަކު ނެތްކަމަށް ސާރާ ބުނެފައިވަނީވެސް އޮޅުވާލައިގެން ކަމަށް ދައުވާގައި ވެއެވެ.

2010 ވަނަ އަހަރާއި، 2013 ވަނަ އަހަރާ ދެމެދު ސާރާ ނަތަންޔާހޫއާއި، އޭނާގެ އާއިލާ، އަދި ގެއަށްދާ މެހްމާނުން ކެއުމަށް، ތަފާތު އެތައް އައިޓަމްތައް ހިމެނޭގޮތަށް އެތައްސަތޭކަ ކެއުންތައް އެތައް ފަހަރެއްގެމަތިން ބޭރުން އޯޑަރުކޮށްގެން ގެންގޮސްފައިވާކަން ތަހްގީގަށް ސާބިތުވިއެވެ.

ކާއެއްޗެއްސަށް އާންމުކޮށް އޯޑަރުދީފައިވަނީ، އިސްރާއީލުން ފޭރިގަނެ އަމިއްލަ ތަނަކަށް ހަދާފައިވާ ގުދުސްގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓްތަކަށް ކަމަށާއި، އޭގެ ތެރޭގައި އިޓާލިއަން ރެސްޓޯރަންޓަކާއި، މިޑްލް އީސްޓަރން އަދި ސުޝީ ރެސްޓޯރަންޓެއްވެސް ހިމެނޭ ކަމަށް ހާމަވެފައިވެއެވެ.

ބޭރުން އޯޑަރުކޮށްގެން ގެންގޮސްފައިވާ ކާތަކެއްޗަށް 359،000 ޝެކެލްސް (99،700 އެމެރިކާ ޑޮލަރު) ޚަރަދު ކޮށްފައިވާކަންވެސް ހާމަވެފައި ވެއެވެ.

ބޭރުން ކާއެއްޗެހި ގެންދަނީ، ގޭގައި ކައްކާ ކާއެއްޗެހި ނުބައިވެގެން ކަމަށް ބުނެ ސާރާ ނަތަންޔާހޫ ކޯޓަށް ލިއުން ހުށަހަޅާފައިވުމުން އެކަމުގެ މައްޗަށާއި، އަދި ހާލަތަށް ރިއާޔަތްކޮށް ސަރާގެ މައްޗަށް އުފުލި ދައުވާގެ ބައެއް ކޯޓުންވަނީ ބާތިލް ކޮށްފައެވެ.

ސާރާގެ މައްޗަށް ކޯޓުން ހުކުމް އިއްވި ނަމަވެސް، ނަތަންޔާހޫގެ އާއިލާ ސަލާމަތްވުން އަދި އޮތީ ވަރަށް ދުރުގައެވެ. އެ އާއިލާއާ ދެކޮޅަށް އުފުލިފައިވާ ކޮރަޕްޝަންގެ ބޮޑެތި އެތައް ތުހުމަތުތަކެއްގެ ބައެއް ތަހްގީގުތައް ނިމި ޝަރީއަތް ފަށަން ތައްޔާރުވެފައި ވާއިރު، ބައެއް ތަހްގީގުތައް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ނަތަންޔާހޫއާ ދެކޮޅަށް އުފުލިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކުގެ ޝަރީއަތް ފެށުމަށް މިހާރުވަނީ ތައްޔާރުވެސް ވެފައެވެ. ނަމަވެސް ނަތަންޔާހޫ ގެންދަނީ، އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނަމުންނެވެ.