ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގައި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނުވަތަ ގޯސް ނިންމުމެއް ކަމަށް ނިންމާ، ވަކިގޮތެއް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ، ޖޭއެސްސީން ނިންމާފައިވާ ނިންމުން ތަކަކީ، އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުމަކީ، ސައްޙަ ނިންމުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހަށް ކޮމިޓީ ރިޕޯޓެއްގެ ގޮތުގައި ހުށަހަޅައި ފާސްކުރަން ހުށަހަޅުއްވާ އެ ކޮމެޓީގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ހުށަހެޅުއްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ، ފަންޑިޔާރުން އައްޔަންކުރުމުގައި ސުޕްރީމްކޯޓުގެ ނުފޫޒު ވަންނަ ކަމަށާއި، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ކަންކަން ވިއަނުދީ ސުޕްރީމް ކޯޓުން ހިފަހައްޓަމުންދާކަން ފާގަހަ ކުރެވޭ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ނިންމާ ކަންކަމަކީ ސައްޙަ ނިންމުންތައް ކަމަށް ކަނޑައަޅައި، ހުކުމެއް ނުވަތަ ވަކި ގޮތެއް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.