ރާއްޖޭގެ ތައްރައްގީއާ ގުޅޭގޮތުން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޯރަމު މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމު މިއަދު ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މިފޯރަމު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ކެނބިނެޓުގެ ވަޒީރުންވެސް މި މިފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމުގައި 60 އަށް ވުރެ ގިނަ ވަފްދުގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި 35 އަށް ވުރެ ގިނަ ގައުމުގެ ބޭފުޅުންނާއި 27 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުން މިފޯރަމުގައި ހިމެނެ އެވެ.

މި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ.

މިފޯރަމަށް ސަރުކާރުން ވަނީ އެތައް މިލިއަން ޑޮލަރެއްގެ މުހިއްމު ޕްރޮޖެކްޓްތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވާ މުހިއްމު ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ 414 މިލިއަން ޑޮލަރު ނުވަތަ 6.3 ބިލިއަން ރުފިޔާއާއި، ގްރޭޓާ މާލެ ސަރަހައްދު ބްރިޖަކުން ގުޅާލުމަށް ބޭނުންވާ 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާއާއި، ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ 56 މިލިއަން ޑޮލަރު ނުވަތަ 860 މިލިއަން ރުފިޔާގެ މަޝްރޫއާއި، ރާއްޖޭގެ 16 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ 136 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާ އާއި، ރާއްޖޭގެ 53 ސުކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ މަޝްރޫއު ހިންގުމަށް 103 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ހޯދުން ހިމެނެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ތައްރައްގީއާ ގުޅޭގޮތުން މިހާ ގިނަ އަދަދެއްގެ ބޭރުގެ ބޭފުޅުން ބައިވެރިވެގެން ބާއްވާ ފުރަތަމަ ފޯރަމު ކަމަށެވެ.

މި ފޯރަމްގައި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި، ގައުމީ ތަރައްގީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ވަޒީރުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މިފޯރަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.