ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ނުވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން މިހެން ބުނެފައި މިވަނީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އޭރު އެ ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ބައިވެރިވި ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް ރޭގެ ވަގުތެއްގައި މީޑިއާގައި ރިޕޯޓްކޮށްފައިވަނިކޮށެވެ.

އެގޮތުން ޖޭއެސްސީއަށް ހުށަހެޅީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމު މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފްގެ މައްސަލަ ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. މިތިން ބޭފުޅުންނަކީ ވެސް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ސޮއި ކުރެއްވުމަށްފަހު އެ އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައިވެސް ބައިވެެރިވެވަޑައިގެންނެވި ބޭފުޅުންނެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. މިމައްސަލައިގައި ވިދާޅުވެފައިވަނީ ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި އެއީ ފަނޑިޔާރު ދީދީއާ ގުޅުންހުރި ފައިސާތަކެއް ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވީ ނަމަވެސް ފަނޑިޔާރު ދީދީ މަސައްކަތަށް ނިކުމެ ފަނޑިޔާރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.

ޑީޖޭއޭގެ އޮފިޝަލަކު އިއްޔެ މީޑިއާގައި ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައިވީ ނަމަވެސް ފަނޑިޔާރު ދީދީ މަސައްކަތަށް ނިކުންނަވަނީ ޖޭއެސްސީގެ ނިންމުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ފަނޑިޔާރު ދީދީއަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މައްޗަށް އަމުުރުކޮށްފައިވާތީ ކަމަށެެވެ.