ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި 29 ސްކޫލެއްގެ 104 ޓީމުން 565 އެތުލީޓުން ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިމަހުގެ 23ން 27އަށް ބާއްވާ މިމުބާރާތުގައި ކުރިޔަށްގެންދާ 8 ޢުމުރުފުރާގައި ޓީމްތަކުން ބައިވެރިވެފައިވާ ގޮތަށް ބަލާއިރު 13 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 14 ޓީމް، 13 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 13 ޓީމް، 15 އަހަރުންދަށުގެ އަންހެން ޢުމުރުފުރާގައި 12 ޓީމް، 15 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 14 ޓީމް، 17 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 5 ޓީމް، އަދި 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 10 ޓީމް، 19 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 2 ޓީމުގެ އިތުރުން 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރުރާގައި 5 ޓީމް ވާދަކުރާ ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ގދ. އަތޮޅުގެ ގދ. އަތޮޅު މަދަރުސާ، ތިނަދޫ އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ގއ. އަތޮޅުގެ ދާންދޫ ސްކޫލް، ގެމަނަފުށީ ސްކޫލް، ލ އަތޮޅުގެ މާމެންދޫ ސްކޫލް، މާވަށު ސްކޫލް، ދ. އަތޮޅުގެ ދ. އަތޮޅު މަދަރުސާ، އަދި މާލޭ ސިޓީގެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 10.00އަށް އަދި ހަވީރު 4.00ން 6.00އަށް ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލުމާތު ދެއެވެ.

މިދިޔަ އަހަރު ފުވައްމުލަކުގައި ބޭއްވުނު 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވެފައިވަނީ 26 ސްކޫލެއްގެ 54 ޓީމުން 424 އެތުލީޓުންނެވެ.