ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް މިހާރު ކަނޑައަޅާފައިވާ އަދަދު ބޮޑުކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިބިލް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އެވެ. މިބިލްގެ ފުރަތަމަ ކިޔުން ވެސް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވާފަ އެވެ.

މިބިލް ހުށަހަޅާފައިވަނީ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު އެ މިންވަރު މިހާރަށް ވުރެ އިތުރުކޮށް ހައްޖަށް ދިއުމަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށް ބިލް ހުށަހެޅި ބޭނުމުގައި ބުނެފައިވެ އެެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް މިއަހަރު ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން މިހާރު ނެގެނީ ހައްޖަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާ އަގުގެ 50 އިންސައްތަ އެެވެ.

ޕެންޝަނާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ބިލްގައި ވަނީ މިއަދަދު 80 އިންސައްތައަށް އިތުރުކުރެވޭ ގޮތް ހެދުމަށް ހުށަހަޅާފަ އެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް މިސަރުކާރުން ހެދި އުސޫލުގައި ބުނެފައިވަނީ ޕެންޝަން ސްކީމްގައި ބައިވެރިވެގެން ހައްޖަށް ދިއުމަށް ފައިސާ ދޫކުރަނީ އަލަށް ހައްޖަށް ދާ މީހުންނަށް ކަމަށެވެ. ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ހުށަހަޅާއިރު އެމީހެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ފައިސާ ހުރުން ލާޒިމުކޮށްފައިވެ އެވެ.