ރާއްޖެއަށް ތަރައްގީ ގެނައުމަށް ކުރެވޭ މަސައްކަތްތަކުގައި އަތޮޅުތަކުގެ ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ހުރިހާ ރައްޔިތުންނަށް އެއްހަމައަކުން އޭގެ ފައިދާ ލިބިފައި ނުވާ ކަމަށެވެ. ހާއްސަކޮށް މާލެއާ ދުރުގައި ދިރިއުޅޭ ރައްޔިތުންނަށް ތަަރައްގީގެ ކުރިއެރުންތައް ފުރިހަމައަށް ލިބެމުން ނުދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މާލެއާއި އެއްހަމައެއްގައި އަތޮޅުތަކަށް ތަރައްގީ ގެނައުން ކަމަށެވެ.

"އަސާސީ ހިދުމަތްތައް ހޯދަން ވެސް އަތޮޅު ތެރޭގެ ރައްޔިތުން އަންނަން މިޖެހެނީ މާލެ އަށް. އެއީ ސިއްހީ ހިދުމަތްތަކާއި ތައުލީމު ހާސިލްކުރުމަށް ކަމަށްވީ ނަމަވެސް އަންނަން މިޖެހެނީ މާލެ އަށް،" ރައީސް ވިދާޅުވި އެވެ.