ރާއްޖޭގައި މިވަގުތު ހުރި އެންމެ އުންމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ތަމްރީންތައް ޗައިނާގައި ފަށައިފި އެވެ.

އުމުރުން 11 އަހަރުގެ ދީމާއަށް ޗައިނާގައި ތަމްރީންތައް ހެދުމުގެ ހުރިހާ ފުރުސަތެއް ފަހިކޮށްދީފައި ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. އަދި ދީމާ ޗައިނާގައި ތަމްރީންތައް ހަދަމުން ދަނީ އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއް ކަަމަށްވާ އުމުރުން 25 އަހަރުގެ ޒާއޯ ޔާންގެ ބެލުމުގެ ދަށުން ނެވެ.

ތައިލޭންޑްގައި މިދިޔަ މަހު ކުރިޔަށްދިޔަ އޭޝިއާ ހޯޕްސް ޓީޓީ މުބާރާތުން ރިހި މެޑަލް ހޯދި ދީމާއާ ބެހޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ ދީމާގެ ތަމްރީންތަކަށް ކުރަންޖެހޭ ހުރިހާ ހަރަދެއް މިނިސްޓްރީން ކޮށްދޭން ނިންމާފައި ވަނީ އޭނާ އަކީ ޓީޓީއިން ރާއްޖެއަށް މީގެ ކުރިންވެސް އަދި ކުރިއަށް އޮތްތާގައި ވެސް ރީތި ވަނަތައް ހޯދާނެ، ހިތް ވަރުގަދަ ކުޅުންތެރިއަކަށް ވާތީވެ ކަމަށެވެ.