ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތް މިރޭ ބޭނުންކުރަން ފެށުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކޮމިޓީތަކުގެ ތާވަލު މިއަދު އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރެއިން ފެށިގެން އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރިއެއް ބޭނުން ކުރަން ފެށޭ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީ ކޮޓަރި ހަތަރަކާއި ފަހެއް އާ އިމާރާތުގައި ބޭނުން ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ރެއަކީ ކޮޓަރީ ހަތަރަކާއި އަކާއި ފަހެއް އިފްތިތާހު ކުރުމުގެ ނަސީބު އަޅުގަނޑުމެންނަށް ލިބޭ ރޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ވީނިއުސް އިން ސުވާލު ދެންނެވުމުން މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިއާއު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތައް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. އާ އިމާރާތުގެ ދެ ރޫމެއްގައި ކޮމިޓީ ކުރިއަށް ގެންދިޔުމަށް ޚާއްސަކުރީ މިހާރު މަޖިލީހުގައި އިދާރާގައި ޖާގައިގެ ދަތިކަން ހުރީމާ ކަމަށްވެސް ހަސަން ޒިޔާއު ވިދާޅުވި އެވެ.

މަޖިލީހުގެ އާ އިމާރާތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އާރްސީއެންސީއަށް، އިމާރާތް ކުރުމަށް ހަވާލުކުރި 13 ބުރީގެ އިމާރާތެކެވެ.