މިސްރުގެ ކުރީގެ ރައީސް އަދި މިސްރުގެ އެންމެބޮޑު ސިޔާސީ ޕާޓީކަމަށްވާ އިޚްވާނުލް މުސްލިމޫން ނުވަތަ މުސްލިމް ބްރަދަރހޫޑްގެ ލީޑަރ ޑރ. މުހަންމަދު މުރްސީ މިއަދު (ހޯމަދުވަހު) މިވަނީ އަވަހާރަވެފައެވެ.
އުމުރުފުޅުން 67 އަހަރުގައި މުހަންމަދު މުރްސީ އަވަހާރަވީ، އޭނާގެ މައްޗަށް ކުރިއަށް ގެންދާ ސިލްސިލާ ޝަރީއަތްތަކުގެ ތެރެއިން މިއަދުއޮތް ޝަރީއަތުގެ މަޖިލީހަށް ހާޟިރުކޮށްފައި ހުންނަވަނިކޮށް ކޯޓު ތެރޭގައެވެ.
މިސްރު ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ޕްރޮސެކިއުޓަރ ވިދާޅުވީ، ޝަރީއަތް މެދުކަނޑާލިވަގުތު ޝަރީއަތުގެ މަޖިލީހުގައި މުރްސީ އިންނެވި ކޮށިގަނޑުގެ ތެރެއަށް ހޭފުޅުނެތިގެން މުރްސީ ވެއްޓިވަޑައިގެންނެވީ ކަމަށެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދެވިއިރުވެސް މުރްސީ އަވަހާރަވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވައި ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވިއެވެ. އެއީ، މިސްރު ގަޑިން މިއަދު ހަވީރު 4:50 ހާއިރުއެވެ. މުރްސީގެ ހަށިކޮޅުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ނެތްކަމަށް ޑޮކްޓަރުން ބުނިކަމަށްވެސް ޕްރޮސެކިއުޓަރ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހަންމަދު މުރްސީގެ މައްޗަށް މިއަދު ކުރިއަށް ގެންދިޔައީ، ބޭރުގެ ގްރޫޕްތަކާ ގުޅިގެން ޖާސޫސް ކުރެއްވުމުގެ ތުހުމަތުގެ ޝަރީއަތެވެ. މިއަދުގެ ޝަރީއަތުގައި މުރްސީ އެދިވަޑައިގެން ފަނޑިޔާރާ ސީދާ ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތުވެސް ދެވުނު ކަމަށް ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވިއެވެ. މުރްސީ ކޮށިގަނޑު ތެރެއަށް ވެއްޓިވަޑައިގެންނެވީ، ވާހަކަފުޅު ދައްކަވައި ނިންމަވައި އަދި ޝަރީއަތް މެދުކަނޑާލި ވަގުތުއެވެ.