މީހަކާ އިންނައިރު ބަލަންޖެހޭ ކިތަންމެ ކަމެއް ހުރެއެވެ. ކޮންމެ ކޮންމެ މީހަކާ އިންނަން ބޭނުން ނުވަނީއެވެ. ކޮންމެ ކޮންމެ ގޮތެއް އަހަރެންނަށް ކަމުނުދަނީއެވެ. އެންމެ ފަހުން ހުށަހެޅި ދެ މީހުން ވެސް އަހަރެންނަށް ކަމު ނުދިޔައީއެވެ. އަހަރެންނާ ހެދި ކިތަންމެ މީހަކު އުޅުނަސް އަހަރެން ހިތް އެދޭ މީހަކާ ނޫނީ ނީންނާނަމެވެ. ކައިވެންޏެއް ނުކުރާނަމެވެ.

ބައެއް މީހުންގެ ނަޒަރުގައި އަހަރެންނަކީ ވަރަށް ފޮނި މީހެކެވެ. ވަރަށް ބޮޑާ މީހެކެވެ. ނަމަވެސް އަހަރެންނަށް ލޯބި ހުށަހެޅުމަށް ފަހު ދެން އެހެން ގުޅުމެއް އެ މީހަކާ ބޭއްވުމަކީ އަހަރެން ގެންގުޅޭ އުސޫލެއް ނޫނެވެ. އަހަރެން ކުރާނެ ކަމެއް ވެސް ނޫނެވެ. ލޯތްބަކީ ކުޅިވަރެއް ނޫނެވެ. އެއީ ސަމާސާ އެއްް ވެސް ނޫނެވެ.

ދިރިއުޅުމެއް ހޯދުމަށް ފެށި ދަތުރުގައި އަހަރެން އެތައް މޭލަކަށް ހިނގަން ޖެހުނެވެ. އަހަރެން ބޭނުންވާ ސިފަތައް ހުންނާނެ މީހަކު ހޯދުމަށެވެ. އަހަރެން ދެކެ ލޯބިވާ މީހަކު ހަޔާތަށް ގެނައުމަށެވެ. މި ކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރަޙުމާއެވެ. އަހަރެންގެ ހުރިހާ ކަމެއް ހިއްސާ ކުރާ ހަމައެކަނި ފަރާތަކީ އެއީއެވެ.

"ތިހެން ހުރެގެން އެއްކަމެއް ވެސް ނުވާނެ. ގެއްލޭނީ ހަޔާތުގެ ދުވަސްތައް. ކުރުވެގެން ދާނީ މީހާގެ ޢުމުރު. ޝާއިރާ ލޯބިވާން ރަނގަޅު ކިތަންމެ މީހަކު ވެއްޖެ. ޝާއިރާ ބޭނުން ނުވަނީނު. ތި ބުނާހާ ސިފަތައް ހުރި މީހަކު މިހާރަކު ނޫޅޭނެ. އެކަހަލަ މީހަކު ހޯދަންޏާ ޖެހޭނީ އެެހެން ޖީލަކަށްދާން" ކޮލެޖުގެ ކެންޓީނުގައި ސައިބޯން އިނދެ އަހަރެންގެ މޫނަށް ބަލަހައްޓަައިގެން ރަހުމާ ވާހަކަ ދައްކަމުންދިޔައެވެ.

"ތިއީ ވެސް ހަމަ ތެދު. އަހަރެން ހަމަ ފޮނީ. ގޮތް ވެސް މާ ބޮޑީ" ކޮފީ ތަށީގައި ހުރި އެންމެ ފަހު ކޮފީފޮދު ދަމާލުމަށްފަހު އަހަރެން ބުނީމެވެ.

"ތިޔައީ މުޅިއަކުން ދޮގެއް ވެސް ނޫން. އެއްކަހަލަ ހަމަދު ވެސް ބުނީ ތިހެން. އެކަމަކު އެއީ މާ ފޮނި މީހާ ގަނޑެއް. އޭނާއަށް ނޫނެކޭ ބުނިކަން އެއީ ހަމަ ނަސީބު. އަހަރެން ހީކުރީ ރަހުމާ އޭނާއަށް އާނއެކޭ ބުނާނެކަމަށް" ރަހުމާ ދެއްކީ އަހަރެންނަށް ލޯބި ހުށަހެޅި މީހެއްގެ ވާހަކައެވެ.

"ދެން ތި ވާހަކަ ނުދައްކާ. އެއީ ބޭކާރު ވާހަކައެއް. ތިޔަ ހަމަދަކީ ވަރަށް ދޮގު ހަދާ މީހެއް. އަހަރެން އެންމެ ފޫހިވީ އެކަމާ. އަހަރެންގެ ގާތުގައި ހެދި ދޮގުތައް ފަޅާއެރީމާ އަހަރެން ނޫނެކޭ ބުނަން ޖެހުނީ. ފަހުން އެއްބަސް ވެސް ވިއޭ އޭނާ ހެދީ ދޮގުކަމަށް. އެވަރު މީހަކާ އެކު ކިހިނެއް އުޅޭނީ؟" ހަމަދާ އޮތް ގުޅުން ކަނޑާލަން ޖެހުނު ސަބަބު އަހަރެން ތަކުރާރު ކުރީމެވެ.

ދައްކަމުން ދިޔަ ވާހަކަތަކާއެކު އަހަރެމެން ގޮސްވަނީ ކޮލެޖުގެ ކުލާސް ރޫމަށެވެ. އެއީ ބޮޑު ކުލާސް ރޫމެކެވެ. އެ ކުލާހުގައި އެެހެން ކުލާހެއްގެ ދަރިވަރުން ވެސް ތިއްބެވެ. ދެ ކުލާހަށް އެއް މާއްދާއެއް ކިޔަވަން ޖެހެތީ އެއްކޮށް އެ ގަޑި ނަގަނީއެވެ.

އަހަރެންގެ ލޮލުގައި އަޅަގަތީ އިސްކޮޅުން ދިގު ދޮން ފިރިހެނެކެވެ. މަޑުމައިތިރި ރީތި މީހެކެވެ. ފުރަތަމަ ފެނިލުމާއެކު ވެސް އޭނާގެ ސޫރަ ހިތަށް ނެގުނެވެ. އެ ހިނިތުންވުން ހިތާ ކުޅެލިއެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް ބަލައިލެވެއެވެ. މީހެއްގެ ގޮތް ބޭރު ފުށަކުންނެއް ނޭނގޭނެއެވެ. ފެންނަ ފެނުމަކަށް އިންސާފެއް ނުކުރެވޭނެއެެވެ. އެކަމަކު އޭނާގެ އެ ރީތިކަމަށް އިންސާފު ކުރެވިދާނެއެވެ. އެ ހިނިތުންވުމަށް މާކުސް ދެވިދާނެއެވެ. އެ ފިރިހެންވަންތަކަމަށް ތަޢުރީފު ކުރެވިދާނެއެވެ. ހިތަކީ ހާދަ ތަފާތު މަސްކޮޅެކެވެ. އެތައް ޝުޢޫރަކާއެކު ކުލާސް ނިމިގެން ދިޔަ ގޮތް ވެސް އަހަރެންނަކަށް ނޭނގުނެވެ.

ޖެހިގެން އައިދުވަހު ގަޑި ނުޖެހެނީސް އަހަރެން ކުލާހަށް ވަނީމެވެ. އޮފީސް ނިމުނުލެއް ލަސްކަމުން ރަހުމާއަށް އާދެވުނީ ތަންކޮޅެއް ފަހުންނެވެ. އެނާ އިނީ އަހަރެންގެ ފަހަތުގައެވެ.

"ހާދަވަރަކަށް ތި ބަލަނީ. އޭނާ ވެސް އެބަ ބަލައޭ؟ އަނެއްކާ ކަމެއްތަ؟" އަހަރެންނަށް ވުރެ ދެބަރި ފަހަތުގައި އިނދެ، ރަހުމާ ފޮނުވީ ވައިބަރ މެސެޖެކެވެ. އަހަރެންގެ ކަމެއް ނަމަ އޭނާ ދެނެގަންނާނެއެވެ. ކޮންމެ ގޮތަކުން ވެސް އެކަމެއް ހޯދާނެއެވެ.

"ތިޔަ ނިންމުން ހަމަ ބަރާބަރު. މަ ވެސް މި ހުންނަނީ އޭނާ ކިހިނެއްތޯ އަހާލަންވެގެން" އަނެއްކާ ވެސް ރަހުމާ މެސެޖު ކޮށްލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އަޅައެއް ނުލަމެވެ.

ގަޑި ނިމުމާއެކު ރަހުމާއާއެކު އަހަރެން ދިޔައީ ސަޔަށެވެ. އޭނާގެ ވާހަކަ ފެށުނީ އެ ހިސާބުންނެވެ. އޭނާ ކަންކުރާނެ ގޮތާއި އަހަރެން ކަން ކުރަންވީ ގޮތް ރަހުމާ ރޭވިއެވެ. އެ ރޭވުމުގައި ތިއްބާ ކެންޓީނަށް އައީ އަހަރެންގެ ހިތާ ކުޅެލި ޒުވާނާއެވެ. އޭނާ އައިސް ހުއްޓުނީ އަހަރެމެންގެ ފަހަތުގައެވެ. އަހަރެމެން އަވަސް އަވަހަށް ހެދިކާ ނަގައިގެން ހިނގައި ގަތީމެވެ. އޭރު ކެންޓީނު ވަރަށް ބާރު ބޮޑެވެ. އަހަރެމެންނަށް މޭޒެއް ލިބުނީ އެހެން ބަޔަކު ތެދުވެގެން ދިއުމުންނެވެ.

"އާދޭ މިތަނަށް. މި ގަޑީގައި މޭޒެއް ނުލިބޭނެ ފަސޭހަކޮށް" މޭޒަކަށް އިންތިޒާރުކޮށްގެން އެކި ފަރާތަށް ނަޒަރު ހިންގަމުން ދިޔަ ޒުވާނާއަށް ރަހުމާ ދަޢުވަތު ދިނެވެ. އެ ޒުވާނާއާއި އޭނާގެ އެކުވެރިޔާ އެ ދަޢުވަތު ގަބޫލުކޮށް އަހަރެމެން އިން މޭޒު އިޚުތިޔާރު ކުރިއެވެ. އަހަރެން ފިނިވާގޮތްވިއެވެ. ލަދުވެސް ގަތެވެ.

"އަހަރެންނަކީ ރަހުމާ. މިއީ އެކުވެރި ޝާއިރާ. އެއް ކުލާހެއްގައި އުޅޭ އިރު އެކަކު އަނެކަކާ ރައްޓެހިވާން ވާނެތާ ދޯ؟" ރަހުމާ ތަޢާރަފުވިއެވެ.

"އަހަރެންނަކީ އިޔާން. މިއީ އަމަތުﷲ. ދެ މީހުން ވެސް އަލަށް މި ތަނާ މި ގުޅުނީ. މިތަނުގެ ކަންކަން އަދި މާ ރަނގަޅަކަށް ނޭނގެ" އިޔާން ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކާއެކު ރަހުމާގެ ބޮޑު ވާހަކަ ފެށިއެވެ. އެއީ އޭނާގެ އާދައެވެ. މީހަކު އަތުއަޅުވާލުމަކީ އެނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. ސައިބޮއި ނިމުނު އިރު އިޔާންއަކީ އަހަރެންގެ ވެސް ރައްޓެއްސަކަށް ވިއެވެ.

ރައްޓެހިކަމުގެ ގުޅުން ބަދަހިވެ ފޯނަށް ގުޅަންވެސް ފެށުނެވެ. ގެއަށް އައުމަށް ދަޢުވަތު ވެސް ދެވުނެވެ. ތަންތަނަށް ކޮފީއަށް ވެސް ދެވޭ ވަރުވިއެވެ. ނަމަވެސް ސެމިސްޓާއެއް ނިމިގެން ދިޔަ އިރުވެސް އަހަރެންނަށް އިޔާން ދަސްވާ ގޮތެއް ނުވިއެވެ. އޭނާގެ ހުރިހާ ކަމެއް އޭނާ ހިއްސާއެއް ނުކުރެއެވެ. ނަމަވެސް އޭނާ ވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. ރަހުމާގެ ވާހަކަތަކުން އެކަމަށް ބާރުލިބުނެވެ.

އިމްތިހާނުގެ ދުވަސްވަރެވެ. އެންމެ އުނދަގޫ އިމްތިހާނު ހެދުމަށް ހޯލަށް ވަދެ އަހަރެން ވެސް އިނީމެވެ. އަހަރެން އިނީ އިޔާންއާ ދިމާ ކަނާތްފަރާތުގައި، އޭނާއަށް ވުރެ އެއް ގޮނޑިބަރި ފަހަތުގައެވެ.

ޕޭޕަރު ބެހުމާއެކު ޖަވާބު ދިނުމުގެ މަސައްކަތް އަހަރެން ފެށީމެވެ. އިރުތަކެއް ފަހުން އަހަރެންނަށް ފެނުނީ އިޔާން ކަރުދާސްތަކެއް ގަމީސް ތެރެއިން ނަގައިގެން ވަތްގަނޑަށް ލަނިކޮށެވެ. ލިބުނު ހައިރާންކަމާއެކު އަހަރެންނަށް އިނދެވުނީއެވެ. އިރުކޮޅަކުން އެ ކަރުދާސްތަކަށް ބަލައިގެން ޕޭޕަރުގައި އެއްޗެއް ލިޔާތަން ވެސް ފެނުނެވެ. އަހަރެން ޖެހިލުންވިއެވެ. ކުޑަކޮށް ބިރު ވެސް ގަތެވެ. ހާސް ވެސް ވިއެވެ. އެކަމަކު އިޔާންއަކީ އެ ކަހަލަ މީހެއް ހެއްޔެވެ؟

އިރުކޮޅެއް ފަހުން އިމްތިހާނު ހޯލު ބަލަހައްޓައިގެން ހުރި މީހާ އިޔާން ހޯލުން ނެރުނެވެ. އޭނާ ނެރުނީ ކީއްވެގެންކަން އަހަރެންނަށް އެނގެއެވެ. އެ މަންޒަރު އަހަރެންނަށް ފެނުނެވެ. ނަމަވެސް އެކަން އެނގޭކަމަކަށް އަހަރެން ނުހަދަމެވެ.

އިމްތިހާނު ނިމުމާއެމު ހޯލުން އަހަރެން ނުކުތީމެވެ. ރަހުމާ ދުވެފައި އައިސް އިޔާން އިމްތިހާނު ހޯލުން ނެރުނު ވާހަކަ ބުންޏެވެ.

"ކިހިނެއްވިއްޔޯ؟" އަހަރެން އެހީމެވެ.

"ބައެއް ކުދިން ބުނީ އިޔާން ކޮޕީ ކުރިއްޔޯ. އެކަމަކު އެއީ އެ ކަހަލަ މީހެއް ނޫން. އެކަމުގައި ކޮންމެވެސް ގޯހެއް އެބަ އުޅޭ" ރަހުމާ ޖަވާބު ދިނެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ.

ރޭގަނޑު ދިހައެއް ޖަހަނީއެވެ. އިޔާން އަހަރެންނަށް ގުޅިއެވެ. އޭނާއަށް ދިމާވި ކަންތައް އެނާގެ ދުލުން ކިޔައިދިނެވެ. އިޔާން ބުނީ އެއީ އޮޅުމެއް ކަމަށެވެ. ކޮޕީކުރިކަމަށް ޝައްކު ކުރީކަމަށެވެ. އެ ޓީޗަރު އިޔާންއާ ޖައްސާލައިގެން އުޅޭ ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް އަހަރެން ދުށީމެވެ. އެއީ ދޮގުކަން އަހަރެންނަށް ޔަގީނެވެ. އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ.

"އެކަހަލަ ކަންކަން ބައެއް ފަހަރު ދިމާވާނެ. ދެން އެކަމާ އަޅާނުލައި" އަހަރެން، އިޔާން ހިތްހަމަ ޖައްސައިދިނީމެވެ. ނަމަވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އިޔާންގެ ވާހަކަތަކުން އެއީ ދޮގުވެރިއެއްކަން އަހަރެން ކަށަވަރު ކުރީމެވެ. އެނާއަށް ކުރި ހުރިހާ އިތުބާރެއް ގެއްލިގެން އެ ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެން އެ އިތުބާރެއް ނުކުރެވޭނެއެވެ. އޭނާއާއެކު ކުރިއަކަށް ވެސް ނުދެވޭނެއެވެ. ދޮގާއި ލޯތްބާ އެއް މަގަކުން ހިނގާނީ ކިހިނެއް ހެއްޔެވެ؟ އެއް ހިތަކުން ޖާގަ ދޭނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުން ވެސް އަހަރެންގެ ހިތަކުން ދޮގުވެރިއަކަށް މަކަރުވެރިއަކަށް ދޭނެ ޖާގައެއް ނޯންނާނެއެވެ. އަހަރެން އިޔާންއާ ވަކިވީމެވެ. ވަކިވި ސަބަބު އެނގޭނީ ހަމައެކަނި ރަހުމާ އަށެވެ.

އަހަރެން އަދިވެސް އިންތިޒާރު މި ކުރަނީ ހަގީގީ ވަފާތެރި ލޯބިވެރިއަކަށެވެ. އަހަރެންދެކެ ލޯބިވާ، މަކަރު ނުހަދައި މީހަކަށެވެ. ތެދުވެރި ދިރިއުޅުމަކަށެވެ.

(ނިމުނީ)