މިދުވަސްވަރު އެންމެ ހޫނު އެއް މަޢުޟޫޢަކީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ބޮޑު ބަދަލުގެ ވާހަކައެވެ. ދީބާޖާއަށް އެކަންޏެއްވެސް ނޫނެވެ. ދައުލަތުން ނުވަތަ ރައްޔިތުންގެ ފައިސާއިން އަމިއްލަ އެތައް ފަރާތްތަކަކަށް ބޮޑެތި ބަދަލުތައް ދިނުމަށް ކޯޓުތަކުން އެދަނީ ޙުކުމްތައް ކުރަމުންނެވެ. ކޯޓުތަކުގެ ނިންމުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް ހުރެދާނެކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މިގޮތުން ދަޢުވާތަކަށް އެއްބަސްވެ ކޯޓުން ބޭރުން ބަދަލުދީގެން މައްސަލަތައް ހައްލުކުރުމަށް ދައުލަތުން ބޭނުންވުމުން، އޭގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރެދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދީ އެކިއެކި ޒިންމާތަކާ މަތިކޮށްފައިވާ ފަރާތްތަކުގެ ދޯހަޅި ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ނުއުފުލޭވަރުގެ ބޮޑެތި ބުރަތައް ޖެއްސުމަކީ ގިނަބަޔަކަށް ބަލައިގަންނަން ފަސޭހަ ކަންކަމަކަށް ނުވެއެވެ.

ފުލުހުންނާއި ސިފައިންގެ އިސްވަޒީފާތަކުގައި ތިއްބާ ވަކިކުރި ފަރާތްތަކަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ވަޒީފާއިން ވަކިކުރި ފަރާތްތަކަށާއި، އަދި މިނޫނަސް އެތައް ބަޔަކަށް ދައުލަތުން ވަނީ އެތައް މިލިއަން ރުފިޔާއެއްގެ ބަދަލުތައްދީ ކޯޓުން ބޭރުން މައްސަލަތައް ޙައްލުކޮށްފަ އެވެ. އެފަދަ ބަދަލުތައް ދިނުމަށް މެދުވެރިކުރުވި ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ޤާނޫނީ އޮނިގަނޑެއް އޮތްކަމަށްވިޔަސް އަދި އެކަމުގައި ފިޔަވަޅެއް އެޅޭތަން ރައްޔިތުންނަކަށް ނުފެނެ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފެށުމާއެކު ދައުލަތުން ބަދަލުދިނުމުގެ ސިލްސިލާއެއް ވަނީ ފެށިފަ އެވެ. ޝަރުޢީ ކޯޓުތަކުގެ ނިންމުންތަކާ ގުޅިގެންނެވެ. ދައުލަތުން ބޮޑެތި ބަދަލުތައް ދިނުމަށް ނިންމި މައްސަލަތަކުގެ ތެރޭގައި ސީޖީޓީ ކުންފުނިން ކަސްޓަމްސް ޑިއުޓީއަށް ދެއްކި 22 މިލިއަން ރުފިޔާ، އަނބުރާ ދޭންޖެހުނު މައްސަލައަކީވެސް މިގޮތުން ފާހަގަކޮށްލެވޭ މައްސަލަ އެކެވެ. ޑިއުޓީ ބޮޑުވި ފަހުން މުދާ ކްލިއަރ ކުރީތީ ދައްކަންޖެހުނު ކަމަށް ބުނާ އެ ފައިސާ އަނބުރާ ސީޖީޓީ ކުންފުންޏަށް ދައްކަން ނުޖެހޭނެ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރަމުންގޮސް ދައުލަތުގެ އެ ސްޓޭންޑު ބަދަލުވީ ވެރިކަން ބަދަލުވުމާ ހަމައިން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ބުނެ ދައުލަތުން ކޯޓުގައިވީ އިޢުތިރާފަށްޓަކައި ސިވިލް ކޯޓުން ވަނީ އެފައިސާ ދެއްކުމަށް ދައުލަތުގެ މައްޗަށް ޙުކުމް ކޮށްފަ އެވެ. އެފައިސާވެސް ދޫކުރެވޭނީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިންނެވެ.

ދައުލަތުގެ ކަންކަން ހަވާލުވެތިބި ފަރާތްތަކުގެ އިހުމާލުން ނުވަތަ އެހެން ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ދައުލަތަށް އުފުލަންޖެހޭ ބުރަ އާއި ތަކުލީފުތަކުގެ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުވެގެން ދިޔައީ 17 އޭޕްރީލް 2019 ގައެވެ. އެއީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަކަށް ތާއީދުކޮށް، ދައުލަތުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރުމުންނެވެ. މި މައްސަލަވެސް ކޯޓުން ބޭރުން ހައްލުކުރުމަށް ބަންޑާރަނާއިބުގެ ފަރާތްޕުޅުން އެދިފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ޢާންމުވި އެވެ. ރައްޔިތުން ދައްކަމުންދާ ޓެކްސް ފައިސާއިން މިވަރުގެ ބޮޑު ބަދަލެއް ދޭންޖެހުން ގިނަ ބަޔަކަށް ހައިރާންކަމާ ނުތަނަވަސްކަން ގެނުވި އެވެ. ދީބާޖާ އިންވެސްޓްމަންޓަށް އެވަރުގެ ބަދަލެއް ދޭންޖެހުނު ސަބަބާމެދު ޢިލްމީ ނަޒަރަކުން ބަލާލާނަމެވެ. މިއީ، ޝަރުޢީ ހުރިހާ މަރުހަލާތަކަކުން ނިމިފައިވާ މައްސަލައަކަށްވާތީ މިފަދަ ދިރާސާއެއް ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.

ދިބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން (ދިވެހި ދައުލަތް)ގެ މައްޗަށް ދައުވާކުރުމުން ސިވިލް ކޯޓުގައި ބެލެވުނު އެކޯޓުގެ ނަންބަރު 1528/Cv-C/2013 ޤަޟިއްޔާއަކީ މި މައުޟޫޢުގައި ބެލެވުނު ފުރަތަމަ ޤަޟިއްޔާ އެވެ. މި ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ދީބާޖާއާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުން ބާޠިލުކުރި ކުރުން ޤާނޫނާ ޚިލާފު ކަމަށާއި، ވުމާއެކު އެއްބަސްވުން ދެމެހެއްޓުމަށް އަމުރު ކޮށްދިނުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މި ދަޢުވާ ސިވިލްކޯޓަށް ހުށަހެޅި ފަރާތްކަމަށްވާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، 13 ފެބްރުއަރީ 2014 ވަނަ ދުވަހުގެ 9:30 އަށް ސިވިލް ކޯޓަށް ހާޒިރުވުމުގެ އަމުރު 2014 ޖެނުއަރީ 29 ވަނަ ދުވަހު ރައްދުވެ، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ، 13 ފެބްރުއަރީ 2014 ގައި އެ މައްސަލަ ވަނީ ސިވިލް ކޯޓުން ބާޠިލުކޮށް ކޯޓުން ބޭރުކޮށްލާފަ އެވެ. އެ މައްސަލަ ބަލަމުން ދިޔައީ ސިވިލް ކޯޓުގެ B-CR-7 ސެކްޝަނުން، އޭރު ސިވިލް ކޯޓުގެ ޤާޟީއަކަށް ހުންނެވި ޢާއިޝާ ޝުޖޫން މުޙައްމަދު ކަމަށް ސިވިލްކޯޓުގެ ވެބްސައިޓުގައިވާ އެ މައްސަލައިގެ ޙުކުމުން އެނގެ އެވެ. 13 ފެބްރުއަރީ 2014 ގައި ސިވިލް ކޯޓުން ބޭރުކޮށްލި މައްސަލަ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަލުން ސިވިލް ކޯޓަށް ހުށަހެޅީ 2.4 ބިލިއަން ރުފިޔާގެ ބަދަލު ހޯދުމުގެ ބޮޑުމައްސަލައެއްގެ ގޮތުގައި 21 މެއި 2014 ގައެވެ. އެ މައްސަލަ 23 އޮކްޓޯބަރު 2014 ގައި ވަނީ 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށް ނިންމާފައެވެ.

ބައެއް މައްސަލަތައް ކޯޓުގައި ކުރިއަށްދާއިރު ކޯޓަށް ހާޒިރު ނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ބާޠިލު ކުރުމުން ދެން އެ މައްސަލަ ބެލުން ތަރުތީބުން އެހެން ޤާޟީންނަށް ހަވާލުވެ އެވެ. ސިވިލްކޯޓުން ދީބާޖާގެ މައްސަލައަށް ދިމާވީ ވެސް އެހެންނެވެ. ފަހުން މައްސަލަ ބައްލަވާފައިވަނީ ސިވިލް ކޯޓުގެ އެހެން ޤާޟީއެކެވެ.

ދީބާޖާ އިންވެސްޓްމަންޓުގެ ފަރާތުން ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން (ދިވެހި ދައުލަތް)ގެ މައްޗަށް 2.4 ބިލިއަން ރުފިޔާ ހޯދުމަށް 21 މެއި 2014 ގައި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ބެލި މައްސަލައިގައި 348 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ދީބާޖާއަށް، 23 އޮކްޓޯބަރ 2014 އިން ފެށިގެން މީލާދީ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދިނުމަށްވަނީ ޙުކުމްކޮށްފަ އެވެ. ކޯޓަށް ހާޒިރުވުމުގައި މާބޮޑު ދައްޗެއް ދިމާނުވެ މިފަހަރު މައްސަލާގައިވަނީ ޙުކުމަކާހަމައަށް ވާސިލުވެވިފައެވެ.