ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެގެނައުމަށް، މި ސަރުކާރުން މަސައްކަތްކުރޭތޯ ސާފުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅައިފިއެވެ.

މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކުރުމަށް ހުށައަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

ނަޝީދު ވަނީ ދެކަމެއް، މިނިސްޓަރު އިމްރާން އަރިހުން ސާފުކުރުމަށް އެދި މަޖިލީހަށް ހުށައަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދޭތޯ ސާފުކުރަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. އަދި ލުތުފީ މިހާރު ދިރިއުޅެމުންދާ ގައުމަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރަށް ލިބިފައިވޭތޯވެސް ވަނީ ސުވާލުކުރަން ހުށައަޅާފައެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހެކެވެ. އެމްޑީޕީގެ ސަރުކާރުގައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލީ ބޭސްފަރުވާ އަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ލުތުފީ ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އޭރު ބުނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް ލުތުފީ ފިލައިގެން އުޅޭތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ލުތުފީ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނައުމުގެ އަމުރު ފުލުހުން ހޯދާފައިވަނީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާތީ އޭނާ ރާއްޖެއަށް ގެނައުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ ކަމަށްވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

ލުތުފީ ހޯދައި ހައްޔަރު ކުރެވޭ ފަދަ މައުލޫމާތެއް ފުލުހުންނަށް ދޭ ފަރާތަކަށް 10،000 އެމެރިކާ ޑޮލަރު ނުވަތަ 154،200 ރުފިޔާ ދޭން ނިންމައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އޭރުވަނީ އެކަން އިއުލާނުކޮށްފައެވެ. އުމަރު އޭރު ވިދާޅުވީ ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ އެހީތެރިކަމުގައި ކަމަށާ އޭނާ ހޯދައި ހައްޔަރުކޮށް ހުކުމުގެ ބާކީބައި ޖަލުގައި ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ލުތުފީ ފިލީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަކަށް ލަންކާ އަށް ފޮނުވުމުން 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ފަހަރު ލުތުފީ ދިޔައީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. ލުތުފީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔައީ އޭނާ މަރަން ކުރި ހުކުމް ކުރީގެ ރައީސް މައުމޫން ލުއިކޮށް ދެއްވާ ޖަލު ހުކުމަށް ބަދަލު ކުރުމުންނެވެ. އޭނާ ފިލައި ސްރީލަންކާގައި ދިރިއުޅެމުން ދަނީ އަސްލު އޮޅުވާލައި "ޒާން"ގެ ނަމުގައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެ އެވެ.