ދައުލަތަށް އެކިއެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން 1.82 ބިލިއަން ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 12،157 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 8،872 ފަރާތަކަށް މިދިޔަ އަހަރުގެ ތެރޭގައި އެކަން ހަނދާންކޮށްދީ ނޯޓިސް ދީފައިވާ ކަމަށެވެ.

މީރާ އިން ބުނީ ނޯޓިސް ފޮނުވި ފަރާތްތަކުގެ ތެރެއިން 7،466 ފަރާތަކުން ނޯޓިސްއާ އެއްގޮތަށް އަމަލުކޮށްފައިވާތީ މިފަރާތްތަކުގެ އަތުން 955.12 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބުނު ކަމަށެވެ.

މީގެއިތުރުން މީރާ އަށް ފައިސާ ނުދައްކާ ބައެއް ކުންފުނިތަކަށް އެހެން އިދާރާތައް މެދުވެރިކޮށް ތަފާތު ފިޔަވަޅުތައް އަޅައިގެން 18.19 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި ހޯދާފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. އަދި މީރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކޮށްގެން ހޯދި 124.46 މިލިއަން ރުފިޔާ އާއި ޓެކްސް ކްލިއަރެންސް ފޯމް ފުރުމުގެ މަރުހަލާގެ ތެރެއިން ހޯދި 162.6 މިލިއަން ރުފިޔާ ވެސް މިދިޔަ އަހަރު ހޯދި ފައިސާގެ ތެރޭގައި ހިމެނޭ ކަމަށް މީރާގެ ރިޕޯޓްގައިވެ އެވެ. ބައެއް ފަރާތްތަކުން ހުށަހެޅި ޓެކްސް ބަޔާންތަކާ ގުޅިގެން ކުރިއަށް ގެންދިޔަ 37 ތަހުގީގީ އޮޑިޓަކަށްފަހު 19.60 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ދައުލަތަށް އެކިއެކި ފަރާތްތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތެރެއިން މީރާ އުފެދުނު ފަހުން 7.3 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވައިދުން ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ދެއްކުމަށް މީރާ އިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ލުއިގޮތްތަކެއް ވެސް ހަމަޖައްސައިދީފަ އެވެ. އެގޮތުން މީރާ އިން ވަނީ ބައެއް ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެއްސުމަށްފަހު އެގޮތަށް ފައިސާ ދެއްކުމަށް 233 ފަރާތަކަށް ފުރުސަތު ދީފަ އެވެ.

ބައެއް ފަރާތްތަކާ އެކު މިގޮތަށް ފައިސާ ދެއްކުމަށް އެއްބަސްވުމަށްފަހު ފައިސާ ނުދައްކާތީ 151 ފަރާތެއްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވެސް މީރާ އިން ގެންދަނީ ކުރަމުންނެވެ. މީގެތެރެއިން 25 މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާއިރު 69 މައްސަލަ ކޯޓުން ވަނީ މީރާއާ އެއްކޮޅަށް ނިންމާފަ އެެވެ.