މުބާރާތަށް އެކަށީގެންވާ ވަރަށް ތައްޔާރުނުވާތީ މިއަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ބީޗްވޮލީ އަންހެން ޓީމް ބައިވެރިނުކުރަން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ވީ ސްޕޯޓްސްއަށް މައުލޫމާތު ދެމުން ވީއޭއެމް އާއި ނޯމަލައިޒޭޝަން ކޮމެޓީއިން ހަވާލު ވުމުގެ ކުރިން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ގައުމީ ސީނިއާ އަންހެން އަދި ފިރިހެން ސްކޮޑުގެ ފަރިތަކުރުންތައް ފެށި ނަމަވެސް އަންހެން ބީޗުވޮލީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިނުވާ ކަމަށެވެ. ފަރިތަކުރުންތައް ނުފެށުނު އެއްވެސް ސަބަބެއް ޓީމުގެ ކޯޗު ވީއޭއެމްއަށް ނާންގާ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ޓީމު ބައިވެރިނުކުރަން ނިންމީ މަޖާކޮށް ޝޮޕިން ކުރުމަށް ޓީމު މުބާރާތަށް ފޮނުވުމަށް ބޭނުންނުވާތީ ކަމަށާއި މިއީ އޭރުގެ އެކްސްކޯއިން ނިންމި ނިންމުމެއް ކަމަށެވެ.

މުބާރާތައް ވަގުތު ކުޑަތަންވަމުން ދިޔައިރު ޕްރެކްޓިސް ނުފެށުމުން މި ނިންމުން ނިންމާފައިވަނީ އެސޯސިއޭޝަނުގެ އެކްސްކޯއިންނެވެ.

އަންހެން ބީޗު ވޮލީ ޓީމު ބައިވެރިނުވި ނަމަވެސް މިފަހަރުގެ ގޭމްސްގައި އަންހެން އަދި ފިރިހެން ވޮލީޓީމު ބައިވެރިވާނެއެވެ.