އިއްޔެ އަވަހާރަވި މިސްރުގެ ކުރީގެ ރައީސް ޑރ. މުހަންމަދު މުރްސީގެ ޖަނާޒާ ބާއްވައިފިއެވެ.

މުހަންމަދު މުރްސީގެ ހަށިކޮޅު ފަސްދާނުލާފައިވަނީ، ގާހިރާގެ ނަސްރު ސިޓީގައި މުސްލިމް ބްރަދަރހޫޑްގެ އެހެންވެސް އިސް ލީޑަރުންތަކެއް ފަސްދާނުލާފައިވާ ގަބުރުސްތާނުގައި ކަމަށް، މުރްސީގެ ފިރިހެން ދަރިކަލުން އަހްމަދު މުރްސީ ވިދާޅުވިއެވެ.

އަހްމަދު މުރްސީ މިކަން ހާމަކުރައްވާފައިވަނި އޭނާގެ ޕޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މުހަންމަދު މުރްސީގެ ޖަނާޒާގައި ގާހިރާގެ ނަސްރު ސިޓީގައި ތިއްބެވި މުރްސީގެ އާއިލާގެ މެމްބަރުން ބައިވެރިވި ކަމަށް އަހްމަދު މުރްސީ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހަންމަދު މުރްސީއަކީ، މިސްރުގެ ނީލަކޯރުގެ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ޝަރްގިޔާއަށް އުފަން ބޭފުޅެއް ނަމަވެސް، މިސްރުގެ ކަމާބެހޭ ފަރާތްތަކުން މުރްސީގެ ޖަނާޒާ އެ ރަށުގައި ބާއްވަން ހުއްދަ ނުދިންކަމަށް، މުރްސީގެ ދަރިކަލުން އަހްމަދު މުރްސީ ވިދާޅުވިއެވެ.

"ބައްޕަގެ ހަށިކޮޅު ހިނަވާފައިވަނީ ޓޯރާ ޖަލު ހޮސްޕިޓަލްގައި. އޭގެފަހުން ބައްޕަގެ މައްޗަށް ކަށުނަމާދު ކުރެވުނު. ވަޅުލެވުނީ މުސްލިމް ބްރަދަރހޫޑްގެ އިސްލީޑަރުންތަކެއް ފަސްދާނުލާފައިވާ ގަބުރުސްތާނުގައި" އަހްމަދު މުރްސީ ޕޭސްބުކްގައި ލިއުއްވާފައި ވެއެވެ.

މިސްރުގެ ކުރީގެ ރައީސް އަދި މިސްރުގެ އެންމެބޮޑު ސިޔާސީ ޕާޓީކަމަށްވާ އިޚްވާނުލް މުސްލިމޫން ނުވަތަ މުސްލިމް ބްރަދަރހޫޑްގެ ލީޑަރ ޑރ. މުހަންމަދު މުރްސީ އުމުރުފުޅުން 67 އަހަރުގައި އިއްޔެ އަވަހާރަވީ، އޭނާގެ މައްޗަށް ކުރިއަށްގެންދާ ސިލްސިލާ ޝަރީއަތްތަކުގެ ތެރެއިން އިއްޔެ އޮތް ޝަރީއަތުގެ ތެރޭގައި، ޝަރީއަތް މެދުކަނޑާލި ވަގުތުއެވެ. އޭނާ އަވަހާރަވެގެން ވެއްޓިވަޑައިގެންނެވީ ޝަރީއަތުގެ މަޖިލީހުގައި ހުންނަ ކޮށިގަނޑު ތެރެއަށެވެ.

ހަކުރުބައްޔާއި، މޭފުޅުގެ ބައްޔާއި، ކިޑްނީ ބަލީގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދެވި ކުރީގެ ރައީސަށް ބޭސްފަރުވާގެ ފުރުސަތުވެސް މިސްރު ސަރުކާރުން ނުދިންކަން ހާމަވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން މުރްސީ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ.

މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ، އޭރު ސިފައިންގެ ވެރިޔަކަށް ހުންނަވައި މުރްސީގެ ވެރިކަން 2013 ގެންނެވި އަސްކަރީ އިންގިލާބަކުން ވައްޓާލިފަހުން މުރްސީ ހުންނަވަނީ ޖަލުގައެވެ. ޖަލުގައި މުރްސީއާމެދު ވަރަށް އިހާނެތިކޮށް ކަންތައްކޮށް އަނިޔާވެސް ކުރާކަމުގެ ރިޕޯޓްތައް ފެތުރިފައި ވެއެވެ.

މުރްސީ އިއްޔެ އަވަހާރަވުމާ ގުޅިގެން، މިސްރުގެ މިހާރުގެ ސަރުކާރުގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ފިއްތުންތައް ކުރިމަތިވާނޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ޚާއްސަކޮށް ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތިވާނޭ ކަމަށް ވިދާޅުވެއެވެ. ސަބަބަކީ، މިހާރުވެސް އެތައްހާސް ބަޔަކު ޖަލަށްލާފައި ވާއިރު އެމީހުންގެ ހާލަތު ނޭނގޭތީއެވެ.

މުހަންމަދު މުރްސީގެ ނަންފުޅު މިސްރުގެ ތާރީޚްގައި ލިޔެވިގެން ގޮސްފައިވަނީ، ދީމިގްރާތީ ހަމަތަކުގެމަތިން ބޭއްވި، މިނިވަން، އެތެރެފެންނަ، އިންސާފުވެރި އިންތިޚާބުގައި މިސްރުގެ ރައްޔިތުން ވޯޓްލައިގެން އިންތިޚާބު ކުރި ފުރަތަމަ ރައީސްގެ ގޮތުގައެވެ.

މުރްސީ އިއްޔެ އަވަހާރަވުމާއެކު މިސްރުގެ ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މުރްސީއާއެކު މިސްރުގެ ޑިމޮކްރަސީވެސް މަރުވީ ކަމަށެވެ. ޑިމޮކްރަސީގެ އުންމީދުގެ ހުޅުކޮޅުވެސް ނިވުނީ ކަމަށެވެ.

މުހަންމަދު މުރްސީގެ ޖަނާޒާ މިއަދު ބާއްވާފައި ވާއިރު، ތުރުކީއާއި، އިސްލާމީ އުންމަތުގެ ވަރަށް ގިނަ ގައުމުތަކުގައި މުރްސީގެ މައްޗަށް މިއަދުވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ.