ރޯމާގެ ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު އެ ކުލަބް ދޫކޮށްލަން ނިންމީ މެނޭޖްމަންޓްގެ ދޯދިޔާކަމުން ކަމަށާއި އެ ކުލަބަށް އެނބުރި އަންނާނީ މެނޭޖްމަންޓް ބަދަލުވުމުން ކަމަށް ފްރެންސެސްކޯ ޓޮޓީ ބުނެފިއެވެ.

މިދިޔަ 30 އަހަރު ޓޮޓީ ހޭދަކުރީ ރޯމާގައެވެ. ޓޮޓީގެ ޕްރޮފެޝަނަލް ކެރިއަރު 2017 ވަނަ އަހަރު ނިންމާލާފައި ވަނީވެސް ރޯމާއިނެވެ. ކުޅުން ހުއްޓާލުމަށްފަހު ޓޮޓީ ދެން އަދާކުރަމުން ދިޔައީ ރޯމާގެ ޑިރެކްޓަރުގެ މަގާމުގައެވެ.

ޓޮޓީ އެ މަގާމުން އިސްތިއުފާ ދިންއިރު އޭނާއަށް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ހުށަހަޅާފައިވާކަން ރޯމާގެ ރައީސް ޖޭމްސް ޕަލޮއްޓާ ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ. ނަމަވެސް ޓޮޓީ ބުނީ އަޑިނޭނގޭ ގިނަ ކަންތައްތަކެއް ރޯމާގެ މެނޭޖްމަންޓުގެ ތެރޭގައި ހިނގާ ކަމަށެވެ. އަދި މިދުވަސް އަންނާނެކަމަށް ކުރިން އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް މިދުވަހާއި ކުރިމަތިލާން ޖެހުނީ ހިތާމައާއެކު ކަމަށް ޓޮޓީ ބުންޏެވެ.

ޓޮޓީ ބުނީ ރޯމާގެ ޓެކްނިކަލް ދާއިރާގައި ހަގީގީ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިނުވާ ކަމަށާއި އެގޮތުން ރޯމާގެ އިސްވެރިން ނިންމާ ބޮޑެތި ނިންމުންތަކުން އޭނާ ހުރީވެސް އެކަހެރިކޮށްފައި ކަމަށެވެ. އަދި އެ ކުލަބުގެ ރައީސް ޕަލޮއްޓާ ވަށައިގެން ތިބީ މުޅިން ނުބައި ބައެއް ކަމަށާއި ރައީސް އަޑުއަހަނީ ހަމައެކަނި އެމީހުން ދައްކާ ވާހަކަ ކަމަށެވެ.

ޓޮޓީ ރޯމާ ދޫކޮށްލިއިރު އެ ކްލަބަށް ކުޅެމުން އައި ތަޖުރިބާކާރު މިޑްފީލްޑަރު ޑިރޮސީވެސް ވަނީ 18 އަހަރު އެ ކުލަބުގައި ހޭދަކުރުމަށްފަހު މިދިޔަ ސީޒަނުގައި އެ ކުލަބު ދޫކޮށްލާފައެވެ.