ފަނޑިޔާރަކު ނިންމި ނިންމުމަކާއި ގުޅުވައިގެން ފަނޑިޔާރަކު ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުމަކީ އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހުތިޞާސްއެއް ނޫންކަމަށް ސްޕްރީމްކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާތީ އެކަމާއި މެދު ސިވިލކޯޓުގެ ގާޒީ މަރިޔަމް ވަހީދު ސުވާލެއް އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އެއްވެސް މަރުޙަލާއެއްގައި މައުޟޫއީ ގޮތުން ނުވަތަ އިޖުރާއީ ގޮތުންވިޔަސް ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާއި ގުޅުވައިގެން އެނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެއްވެސް ސިފައެއްގައި އެނިންމުމެއް ނިންމި ފަނޑިޔާރު ޖަވާބުދާރީ ކުރުވައި، ފަނޑިޔާރުގެ މައްޗަށް އެއްވެސް ތައުބީދީ ފިޔަވަޅެއް އެޅުމަކީ، ޝަރުއީ އަދި ޤާނޫނީ ގޮތުން އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިޚްތިޞާޞްއެއް ނޫންކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ވާހަކަ އާއި މެދު ސުވާލު އުފައްދައި ސިވިލްކޯޓުގެ ގާޒީ މަރިޔަމް ވަހީދު ކުރެއްވި ޕޯސްޓުގައި ވަނީ، އޭނާކުރި ޙުކުމަކާއި ގުޅިގެން އޭނާ އާއި މެދު ސުޕްރީމްކޯޓުން ފިޔަވަޅު އެޅިކަން ފާހަގަކޮށް އޭރު އެޅި ފިޔަވަޅާއި މިއަދު އެކޯޓުގެ އަމުރުގައި ބަޔާންކުރި ކަންކަން ދިމާނުވާކަން ދޭހަވާ މޭރުމުން ލިޔުއްވާފައެވެ.

ގާޒީ މަރިޔަމް ވަހީދަށް ސުޕްްރީމްކޯޓުން ފިޔަވަޅު އަޅައި، ޝަރީއަތްކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު އޭނާގެ ކިބައިން ގެއްލިފައިވާ ކަމުގައި ނިންމައި އޭނާއަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރިއަތް ކުރުމުގެ ހައިސިއްޔަތެއް ނެތްކަމުގައި ކަނޑައަޅާފައި ވަނީ، ވ ބޮޑު މޮހޮރާގެ މައްސަލައިގައި ދައުލަތުގެ މައްޗަށް ގާޒީ މަރިޔަމް ވަހީދު ކުރެއްވި އަމުރަކާއި ގުޅިގެންނެވެ.

އެކަމަށް އިޝާރަތް ކުރައްވައި މަރިޔަމް ވަހީދު ވިދާޅުވެފައި ވަނީ އެއީ އިއްޔެގެ ސުޕްރީމްކޯޓު ކަމަށެެވެ. އަދި މިއަދު ސުޕްރީމްކޯޓުން ނެރުނު އަމުރަށް އިޝާރަތް ކުރައްވައި ވިދާުޅުވެފައި ވަނީ އެއީ މިއަދުގެ ސުޕްރީމްކޯޓު ކަމަށެވެ.

2017 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ސުޕްރީމްކޯޓުން ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅައި އެކަހެރިކޮށް 1 އަހަރު ދުވަހު ބެހެއްޓުމަށް ފަހުގައި ޝަރީއަތް ކުރުމުގެ ހުއްދަ އޭނާއަށް އަލުން ދިނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅުގައެވެ.