އިނގިރޭސިވިލާތުގައި މިހާރު ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކު ހޮވުމުގެ ރޭހުގެ އެންމެކުރި، ބޮރިސް ޖޯންސަން އަނެއްކާވެސް ހޯއްދަވައިފިއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަން ކަށަވަރުވުމަކީ އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުވެސް ކަށަވަރުވުމެވެ.

ބޮރިސް ޖޯންސަންއަކީ ލަންޑަންގެ ކުރީގެ މޭޔަރެވެ.

ޕާޓީއަށް އާ ލީޑަރަކު ހޮވުމަށް، އެޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް 313 މެމްބަރުންގެ މެދުގައި ފުރަތަމަ ނެގި ސިއްރު ވޯޓުންވެސް އެންމެކުރި ބޮރިސް ޖޯންސަން ހޯއްދެވިއިރު، މިއަދު ނެގި ދެވަނަ ބުރުގެ ސިއްރު ވޯޓުންވެސް އެންމެ ކުރި ހޯއްދެވީ އޭނާއެވެ.

މިއަދުގެ ވޯޓުގައި ބޮރިސް ޖޯންސަންއަށް 126 ވޯޓް ލިބިވަޑައިގެންނެވިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މިހާރުގެ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އެންވަޔަރަންމަންޓް ވަޒީރު މައިކަލް ގޯވްއަށް 41 ވޯޓް، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ވަޒީރު ރޯރީ ސްޓެވާޓަށް 37 ވޯޓް، ހޯމް މިނިސްޓަރ ސާޖިދު ޖާވިދަށް 33 ވޯޓް ލިބިވަޑައިގެން ތިންވަނަ ބުރަށް ވަޑައިގެންނެވިއެވެ.

ތިންވަނަ ބުރަށް ވަޑައިގަތުމަށް މަދުވެގެން 33 ވޯޓު ބޭނުންވާއިރު، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވި ޑޮމިނިކް ރާބް، 30 ވޯޓާއެކުވަނީ ރޭހުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންފައެވެ.

އިނގިރޭސި ބޮޑުވަޒީރުކަމުގައި ހުންނެވި ތެރީސާ މޭ، މިމަހުގެ ކުރީކޮޅުވަނީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަނާ ޕާޓީގެ ލީޑަރުކަމުންނާއި، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މައްސަލާގައި އެކަމަނާގެ ސަރުކާރާއި އީޔޫއާ ދެމެދު އެކަށައެޅި އެއްބަސްވުން އިނގިރޭސި ޕާލަމެންޓުން ފާސްކުރުމަށް އެތައްފަހަރަކު ކުރެއްވި މަސައްކަތް ނާކާމިޔާވބުވުމާ ގުޅިގެންނެވެ.

ރޭހުން ފެއިލްވާ ވޯޓްގެ މިންވަރު މަތިކުރަމުންގޮސް، އެންމެ މަތިން ވޯޓް ހޯއްދަވާ ދެބޭފުޅަކު ކަނޑައެޅެންދެން މެމްބަރުންގެ މެދުގައި މި ހަފްތާގައި ވޯޓްލަމުން ގެންދާނެއެވެ.

ޕާޓީގެ ލީޑަރަކު ކަނޑައަޅާނީ އެންމެ މަތިން ވޯޓް ހޯއްދަވާ ދެބޭފުޅުންގެ ނަންފުޅުތައް، ކޮންޒަވޭޓިވް ޕާޓީގެ 160،000 މެމްބަރުންނަށް ހުށަހެޅި، އާންމު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.