ކްރެޑިޓް ކާޑެއްގެ ބަރުދަނުގެ ޕްލާސްޓިކް ކޮންމެ މީހަކަށް ހަފްތާއެއްގެ މައްޗަށް ކެވޭ ނުވަތަ ދިރުވޭ ކަމަށް ދިރާސާތަކަކުން ހާމަވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ 50 އެތައް ދިރާސާއެއްގެ ނަތީޖާއިން އެނގޭ ގޮތުގައި، ކޮންމެ މީހަކަށް، އާންމު ގޮތެއްގައި ހަފްތާއެއްގެ މައްޗަށް 5 ގްރާމްގެ ޕްލާސްޓިކް އެމީހެއްގެ ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވެއެވެ. އެއީ އާންމުކޮށް ގެންގުޅޭ ކްރެޑިޓް ކާޑެއްގެ ބަރުދަނެވެ.

މި ދައްކަނީ، ކޮންމެ މީހަކު ގަސްތުގައި ޕްލާސްޓިކް ކައިހަދާ ވާހަކައެއް ނޫނެވެ. ނަމަވެސް، ކާބޯތަކެތީގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވާ ޕްލާސްޓިކްގެ ވާހަކައެވެ. ކާނާގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް ކުނޑިއާއި، ބުއިންތަކުގައި ހިމެނޭ ޕްލާސްޓިކްގެ އަސަރުގެ ވާހަކައެވެ. ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗަރ (ޑަބްލިޔުޑަބްލިޔުއެފް) އިން ބުނާ ގޮތުގައި، ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް އަހަރެއްގެ މައްޗަށް 100،000 ކުދި ޕްލާސްޓިކް ކޮޅު ވާސިލްވެއެވެ. އެެއީ ގާތްގަނޑަކަށް 250 ގްރާމެވެ.

"މިއީ، ޕްލާސްޓިކްގެ ނުރައްކާތެރިކަން ސަރުކާރުތަކަށް އަންގައިދޭ ބާރުގަދަ އިންޒާރެއް. އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ޕްލާސްޓިކް އެތެރެވާން ބޭނުން ނުވާނަމަ، ތިމާވެށީގެ ތެރެއަށް، އަދި ޚާއްސަކޮށް ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކުރަން ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ފަށާންޖެހޭ،" ޑަބްލިޔުޑަބްލިޔުއެފްގެ އިންޓަނޭޝަނަލް ޑިރެކްޓަރ ޖެނެރަލް މާކޯ ލެމްބަރޓީނީ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން 52 ދިރާސާއެއް ހަދާފައިވާއިރު، މި ދިރާސާތަކުގެ ނަތީޖާތަކަށް ބަލާއިރު، އެންމެ ގިނައިން "މައިކްރޯޕްލާސްޓިކް" ނުވަތަ ކުދި ޕްލާސްޓިކް ކުނޑި އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ފެނާއި، އެހެނިހެން ބުއިންތައް އަދި ކަނޑުން ލިބޭ ކާނާގެ ބާވަތްތަކާއި ލޮނު ހިމެނެއެވެ. ނަމަވެސް، މިއަށްވުރެ ގިނަ ކާބޯތަކެތީގެ ބާވަތްތަކުގައި މައިކްރޯޕްލާސްޓިކްގެ އަސަރު އެކުލެވޭނެ ކަމަށް ޑަބްލިޔުޑަބްލިޔުއެފްއިން ގަބޫލްކުރެއެވެ. ސަބަބަކީ، ކިރާއި، ބަތާއި، ގޮވާމުގެ ބާވަތްތަކާއި، ޕާނާއި، ޕާސްތާ އަދި ކެއުމުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކުގައި ޕްލާސްޓިކް އެކުލެވޭ މިންވަރު އަދި ދިރާސާކޮށްފައެއް ނުވެއެވެ.

މައިކްރޯޕްލާސްޓިކްއަކީ 5 މިލިމީޓަރު ނުވަތަ އެއަށްވުރެ ކުދި ސައިޒުގެ ޕްލާސްޓިކް ކުނޑިއެވެ. މިފަދަ ޕްލާސްޓިކް އެންމެ ގިނައިން އެކުލެވިގެންވަނީ އަޅުގަނޑުމެން ބޯން ބޭނުންކުރާ ފެނުގައެވެ. މީގެތެރޭގައި ބިމުން ނަގާ ފެނާއި، ފުޅީގައި ބަންދުކޮށްފައިވާ ފެންވެސް ހިމެނެއެވެ. ފެނުގެ ޒަރީއާއިން އާންމު ގޮތެއްގައި އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް 1،769 މައިކްރޯޕްލާސްޓިކް ކޮޅު އެތެރެވާ ކަމަށް ދިރާސާއިން ހާމަވެއެވެ.