އާ އަހަރުގެ ސީޒަން ފަށަން އަށް މަސް ދުވަސް ލިބިގެންދިޔަ ކަމަށާއި އެހެން ނަމަވެސް މެޗު ކުޅެމުން ދަނީ އެއް އަހަރުވެފައިވާ ބާ ބޯޅައިގައި ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މާޒިޔާ ސްޕޯޓްސް ކުލަބު އަތުން 3-1 ން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ ކަންތައްތައް ރަނގަޅު ކުރުމުގެ އިހްލާސްތެރިކަން ނުފެންނަ ކަމަށެވެ.

"މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. މީގަ އެބަހުރި ބައިވަރު ރަނގަޅު ކުރަންޖެހޭކަންކަން. އެކަން އަޅުގަނޑު ރަނގަޅު ކުރާނަން. ތިބޭފުޅުން މުޅި މިތަނަށް ބަލާލިމަ އިނގޭނެ، އަޅުގަނޑުމެން ދައްކަމުންދިޔަ ވާހަކަ އަކީ އަށް މަސް ދުވަސް ބޭނުމޭ، ކުލަބުތައް ރަނގަޅު ކުރަން އެފްއޭއެމް ރަނގަޅު ކުރަން، ހުރިހާ ކަމެއް ރަނގަޅު ކުރަން. މީނި ބޯޑު މިގަ މިހުރީ އިސްޓިކާ ހިއްޕާފަ. މިއަދު ކަންނޭނގެ އޭނި ބޯޑު ޖެހީ. ބޯޅަ މި ކުޅެނީ މިދިޔަ އަހަރުގެ ބާ ބޯޅައިގަ. އެހެން ވީމާ އެއް އަހަރު ލިބުނަސް މިކަން ކުރަން އުޅެގެން އެކަން ކުރެވޭނީ" ލީގުގެ ކަންތައްތަކާއި ބެހޭ ގޮތުން ސުޒޭން ބުންޏެވެ.

ވަރަށް ނުރުހުންވެ ހުރެ ވާހަކަ ދައްކަމުން ސުޒޭން ބުނީ ފުޓްބޯޅައިގައި ހޭދަކުރާތާ 33 އަހަރު ވެއްޖެ ކަމަށާއި 1986 ވަނަ އަހަރު އެއްމެ ފުރަތަމަ ރޮސްޓޮމްކައިރި ތައްޓެއް އުފުލައިލީ އޭނާ ކަމަށާއި އެހެން ކަމުން ހިތުގައި އެ އަސަރު ހިނގާ ކަމަށެވެ.

ޕްރިމިއާ ލީގުގެ ނަން ބޯޑުގެ ޑިޒައިންފެނުނަސް ހިތާމަ ކުރަންޖެހޭ ކަމަށާއި ޗެލެންޖްކޮށްފައި ނިކުންނަ މީހުން ނިކަންފިރެހެންވެ، ކަންކަން ކުރަންޖެހޭ ކަމަށް ބުނެ ފާޑުކިޔަމުން ސުޒޭން ވަނީ އޭނަ އަރައިގެން ހުރި ބޫޓް ނޫސްވެރިނަށް ދައްކާލައި ބޫޓްގައި ހޭކިފައިވާ ކުލައަކީ މިއަދުގެ މެޗުގެ ކުރިން ލާފައިވާ ކުލަކަމަށާއި އެ ކުލަ ލާފައި ވަނީ ވާރޭ ވެހި ވެހި ހުއްޓައި ކަމަށް ވުމުން އެކަން އެހެން ކުރީ ވަގުތު ނެތިގެން ތޯ މެޗަށް ފަހު ސުޒޭން ވަނީ ސުވާލު އުފައްދާފައެވެ.

"ކޯއްޗެއް ހަދަން މި އުޅެނީ، ޕްރިމިއާ ލީގު ފަށައިގެން މިއޮތްދިޔައީ، ކުޅެނީ ކޮންކަހަލަ ބޯޅައަކުން ކަމެއް ނޭނގޭ. ކުއްލިއަކަށް މިދިޔަ އަހަރުގެ ބޯޅަތައް ނެރުނީ، މިހާރު އެ ބޯޅަތައް ހުންނާނެ ބުލީޗްލާފައި ހުދުކުރަން ބަހައްޓާފައި. މީތަ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ލެވަލްއަކީ. ދެ ސާފްޗެމްޕިއަންޝިޕް ހޯދާފައި، އިންޓަނޭޝަނަލް މައިދާނަށް ނިކުންއިރު ފަނަރަވަރަކަށް ގޯލު ޖަހާ، މަދުކުރަމުން ގޮސް ބަންގްލަދޭޝްތަންތަން ނުވަ ގޯލުޖަހަޖަހާ އޮށްވާ ދެ ފަހަރު ސާފްޗެމްޕިއަންޝިޕް ހޯދާފައިވާ ގައުމެއްގެ ވާހަކަ މި ދައްކަނީ، އަޅުގަނޑާއި މެދު ހިތް ހަމަ ނުޖެހެނިއްޔާ އަޅުގަނޑުކަންތައް ނިންމާލާ. ފުތްބޯޅައަށް އިހުމާލު ނުވޭ، ހެޔޮނުވާނެ މިގޮތައް މިކަން ނުކުރޭ" ސުޒޭންގެ ނުތަނަވަސްކަން ނޫސްވެރިންނަށް ހާމަކުރަމުން ބުންޏެވެ.

އެފްއޭއެމް އާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ބޭނުން ވަނީ ކަންކަން ރަނގަޅުކޮށް ފެންވަރު ރަނގަޅު ލީގެއް ކުރިޔަށްދާތަން ފެނުން ކަމަށާއި މި ވާހަކަ މި ދައްކަނީ މީހަކަށް ކަމެއް ނުވާ ވާހަކަ ދައްކަން ނޫން ކަމަށް ސުޒޭން ބުންޏެވެ.