ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށް ގެންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ ގާނޫނީ ޓީމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހިމެނިވަޑައިގެންފިއެވެ.

އާންމުންނަށް ވަދެވޭ ގޮތަށް ދަރުބާރުގޭގައި މިއަދު 10:00 ގައި ފެށި ފަޑިޔާރު ދީދީގެ ތަހުގީގުގައި މީގެ ކުރިން ޑރ. ޖަމީލު ފެނިވަޑައިގެންފައެއް ނުވެއެވެ.

ފަނޑިޔާރު ދީދީގެ ގާނޫނީ ޓީމުގައި ޑރ. ޖަމީލުގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަވާ އަނެއް ތިން ބޭފުޅުން ނަކީ އާދަމް ޝަމީމު އާއި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި އާދަމް އާސިފް އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޓީމުގައި ހިމެނިވަޑަިއގަންނަވަނީ ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.

ޖޭއެސްސީން ކުރިއަށް ގެންދާ ފަނޑިޔާރު ދީދީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމީ ފަނޑިޔާރު ދީދީ އެގޮތަށް ކޮމިޝަންގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. މިމައްސަލައިގައި ވިދާޅުވެފައިވަނީ ވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި އެއީ ފަނޑިޔާރު ދީދީއާ ގުޅުންހުރި ފައިސާތަކެއް ކަމަށެވެ

ފަނޑިޔާރު ދީދީގެ މައްސަލަ ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅި ފަހުން ދީދީއާ ގުޅުންހުރި އިތުރު ހަތަރު މައްސަލައެއް ކޮމިޝަނަށް ހުށަހެޅި އެ ހުރިހާ މައްސަލައެއް ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.