ހިޔާނަތުގެ މައްސަލައެއްގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައިވާ ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ޕްލެޓިނީ ހައްޔަރުކުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރަށް ކާމިޔާބުކޮށްދިން މައްސަލައާ ގުޅިގެން މިދިޔަ އަންގާ ރަ ދުވަހުގެ ވަގުތެއްގައެވެ. ހަމަ އެދުވަހު ޕްލެޓިނީ ވަނީ ފްރާންސްގެ އެންޓި ކޮރަޕްޝަން އޮފީސް އޮފް ޖުޑިޝަލް ޕޮލިސް އޮފީހަށް ވެސް ހާޒިރު ކޮށްފަ އެވެ.

ޕްލެޓިނީގެ ވަކީލު ވިލިއަމް ބޯޑޮން ބުނެފައި ވަނީ ފުލުހުންގެ ބަންދުން ޕްލެޓިނީ ދޫކޮށްލިއިރު އެއްވެސް ކަމެއްގައި ތުހުމަތުކުރާ ކަމަށް ފުލުހުން އަދި ނުބުނާ ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުން ޕްލެޓިނީއާ ކުރި ސުވާލްތަކުގައި އޭނާއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ހިޔާނަތުގެ މައްސަލައެއްގައި 2015 ވަނަ އަހަރު އަށް އަހަރުގެ ސަސްޕެންޝަނެއް ފްރާންސްގެ ކުރީގެ ކެޕްޓަން ޕްލެޓީނީއަށް އައިސްފައިވާއިރު އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ވަނީ ހަތަރު އަހަރަށް ކުޑަކޮށްފަ އެވެ.

ޕްލެޓިނީގެ އިތުރުން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް މި މައްސަލާގައި ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ. ޕްލެޓިނީ އަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިއަން ޕައުންޑަކީ 1998 އިން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް އެކަން އެއްވެސް އެއްބަސްވުމަކުން އެކަން ފެންނަން ނެތް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑް ކުރުމަށެވެ.

ގަތަރަށް ވޯލްޑް ކަޕުގެ ބިޑު 2010 ވަނަ އަހަރު ކާމިޔާބުވި އިރު ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު ވޯލްޑް ކަޕްގެ ބިޑުގެ ކުރިން ގަތަރުގެ ފުޓުބޯޅައިގެ އިސް އޮފިޝަލް މުހައްމަދު ބިން ހައްމާމުއާއި އެތަކެއް ފަހަރަކު ސިއްރު ބައްދަލުވުންތަކެއް ބޭއްވި އުމުރުން 63 އަހަރުގެ ޕްލެޓިނީ ވަނީ މީގެ ކުރިން އެއްބަސްވެފައެވެ.