ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވެގެންދާނެ ކަމަށް އދ އިން ބުނެފި އެވެ.

މިވަގުތު ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމަކީ ޗައިނާ އެވެ. ދުނިޔޭގެ އާބާދީ އަކީ ގާތްގަނޑަކަށް 7.7 ބިލިއަން މީހުންނެވެ. މީގެ ތެރެއިން 37 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ޗައިނާއާއި އިންޑިއާގަ އެވެ.

ޗައިނާގެ އާބާދީ މިހާރުވެސް 1.4 ބިލިއަނަށް އަރަ އެވެ. އަދި އިންޑިއާގެ އާބާދީ މިހާރު އޮތީ 1.3 ބިލިއަނަށް އަރާފަ އެވެ. ނަމަވެސް 2027 ވަނަ އަހަރުގެ ކުރިން އިންޑިއާގެ އާބާދީ ޗައިނާގެ އާބާދީއަށްވުރެ މައްޗަށް އަރާނެ ކަމަށް އދގެ 2019 ވަނަ އަހަރުގެ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި 2050 ވަނަ އަހަރުގެ ކުރިން އިންޑިއާއާއި ޗައިނާއާއި ދެމެދު އާބާދީގެ ގޮތުން އޮތް ފަރަގު ބޮޑުވާނެ އެވެ.

އދގެ ރިޕޯޓަށް ބަލައިލާއިރު 2019 އާއި 2050 ވަނަ އަހަރާ ދެމެދުގެ ތެރޭގައި 55 ގައުމެއްގެ އާބާދީ އެކެއް އިންސައްތަ ދަށަށް ދާނެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ހިޖުރަކުރުމެވެ. އަދި ދުނިޔޭގެ ޖުމްލަ އާބާދީ 9.7 ބިލިއަނަށް މައްޗަށް އަރާނެ އެވެ. 1950 ވަނަ އަހަރު އދ އުފެދުނުއިރު ދުނިޔޭގެ އާބާދީ އޮތީ އެންމެ 2.6 ބިލިއަންގަ އެވެ.

އދގެ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް ރިޕޯޓުގައިވާ މައުލޫމާތަކީ އދގެ 2030 ވަނަ އަހަރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިއްމު މައުލޫމާތު ތަކެކެވެ.

މިރިޕޯޓުގައިވާ އެހެން ތަފާސްހިސާބުތަކަށް ބަލައިލާއިރު ދުނިޔޭގައި ތިންވަނައަށް އެންމެ އާބާދީ ބޮޑު ގައުމަކަށް 2050 ވަނަ އަހަރުގެ ކުރިން ނައިޖީރިއާ ވެގެންދާނެ އެވެ. ނައިޖީރިއާގެ އާބާދީ 733 މިލިއަނަށް އަރާނެކަމަށް ބެލެވޭއިރު 2050 ވަނަ އަހަރު އެމެރިކާގެ އާބާދީ އޮންނާނީ 434 މިލިއަނުގައި ކަމަށްވެސް މި ރިޕޯޓުގައި އަންދާޒާ ކޮށްފައިވެ އެވެ. އަދި އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ލިސްޓުގެ 5 ވަނައިގައި އޮންނާނީ ޕާކިސްތާނެވެ.