ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ އަތުން 1-2 ން ބަލިވި މެޗުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ތަޖްރިބާ ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ދަނީ އެހެން ވެ ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.

މިއަދުގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިސްތާރު ބުނީ ސީނިޔަ ކުޅުންތެރިން ނެތުމުގެ އުނިކަން ބައިކޮޅަށް ވަން ގޯލުތަކުން ފެނިގެންދިޔަ ކަމަށެވެ.

"ސީނިޔަ ޕްލޭޔަރުން މަދުވީމަ، ވަންގޯލުގައި ތަޖްރިބާ މަދީ އަޅުގަނޑުގެ ވެސް އެ ކުދިންގެ ވެސް. ފަހު ވަގުތު ހަމަ ފިނިޝްކޮށް ނުލެވުނީ" މެޗާއި ބެހޭ ގޮތުން ފޯކައިދޫ ކޯޗު ބުންޏެވެ.

މުޅި މެޗު ވެސް އުނދަގޫ ވެގެންދިޔައީ ފަސޭހަ ދެ ގޯލު ބައިކޮޅަށް ވަނުމުން ކަމަށް ކޯޗު ފާހަގަ ކުރިއެވެ. މެޗުގައި ފޯކައިދޫ އިން ބަދަލު ކުރަން އުޅުނު ކުޅުންތެރިއަކު ބަދަލު ނުކުރެވުމުން އެކަމާއި ކޯޗު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މެޗުގައި ފޯކައިދޫގެ ފަހު ބަދަލު ނުހެދުނު އިރު ކުޅުންތެރިޔާއަށް ބެންޗުގައި އިނދެވުން ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

"ޖޯކެއް ކަހަލަ ކަމެއް ދިމާވީ، އަޅުގަނޑުމެންގެ އެންމެ ފަހު ސަބްސްޓިޓިއުޝަނެއް ނުހެދުން، އެކަމަކު ބެންޗުގައި އިނދެވުން އޭނައަށް. އަޅުގަނޑު އަސްލު ހިތައްއަރާ ސުޒޭން ކޯޗު އިއްޔެ ދެއްކި ވާހަކައާއި މެދު އެބަޖެހޭ ވަރަށް ވިސްނަން. ބެންޗުގައި އިންނަ މިހާއަށް ކުޅެން ނޭރެނިޔާ އެއީ ދެން ޖޯކެއް" ކުޅުންތެރިޔާ ބަދަލު ނުކުރެވުމުން ނުތަނަވަސް ކަމާއި އެކު ކޯޗު ބުންޏެވެ.

މި މެޗުގައި ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހެފޫޒް ބުނީ މި ލިބުނު މޮޅަކީ ލީގްގައި ކުރިޔަށްދިޔުމަށް ލިބުނު ވަރަށް މުހިންމު މޮޅެއް ކަމަށާއި މުހިންމު މޮޅު ލިބިގެންދިޔައީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

2-0 ން މޮޅުވެފައި އޮތް އިރު ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލިގެންދިޔަ ކަމަށާއި އެއާއެކު މައްސަލަތަކެއް ކުރިމަތިވި ކަމަށް ކޯޗު ބުންޏެވެ.

"ދޭއެއް ސުމަކުން މޮޅުވެފައި އޮތް އިރު އެ ވަގުތު ކޮޅު ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލިގެންދިޔުމުން ޕްރެޝަރަށްދިޔަ. މޮޅުވެފައި އޮތުމުން ޕްލޭޔަރުން އެކްސައިޓްވެ، ޓެކްޓިކަލް ޑިސިޕްލިން ވެސް ގެއްލިގެންދިޔަ، އެނޫން މައްސަލައެއް ފާހަގަ ނުކުރެވޭ. އެމީހުންގެ ނަތީޖާ ބަދަލު ކުރަން ކުރި މަސައްކަތާއި އެކު އެޓީމުގެ ޓެކްޓިސްތައް ބަދަލު ކުރުމުން، އަހަރެމެން ވެސް ފަހަތައް ޖެހެން ޖެހުން" މެޗާއި ބެހޭ ގޮތުން ކޯޗު ބުންޏެވެ.