ކ މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ބަލައި ތަހުޤީޤު ކުރަން ފަށާފައިވާ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވުސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައި ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީއަކު ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން އެޚަބަރު ފެތުރުމާއި އެކު އެޗްއާރްސީއެމުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެކަން ހިނގާދިޔަގޮތް އެކޮމިޝަނުން މިހާރު ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގައިދީ އަކު ޖަލު އޮފިސަރަށް ހަމަލާދީފައި ވަނީ، ގޮޅިތައް ބަލައިފާސް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގައިދީއަކު ޖަލު ބަަލަހައްޓާ އޮފިސަރަށް ހަމަލާދީފައި ވަނީ ދަގަނޑުބުރިއަކުންނެވެ. އަދި ޖަލު ބަލަހައްޓާ އޮފިސަރުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔުމާއި ގުޅިގެން އިތުރުފަރުވާއަށް މާލެ ގެނެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ޖަލު އޮފިސަރަށް ލިބުނު ޒަޚަމްތަކާއި ގުޅޭ އިތުރުމައުލޫމާތެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގައިދީ އޮފިސަރަށް ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު މިވަގުތުވަނީ އާންމު ހާލަތަކަށްގެނެސްފައި ކަމަށެވެ.