އެމްޑީޕީއިން ކުރަމުންގެންދާ މަސައްކަތްތަކަކީ ބަދަލު ހިފުމުގެ ރޫހެއްގައި ކުރާ ކަންތައްތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޒް އިމްތިޔާޒް ފަހުމީ ވިދާޅކުވެއްޖެއެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމަގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހުކޮށް، ގެންނަން ނިންމާފައިވާ ބަދަލުތައް މި ސަރުކާރު ވުޖޫދަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމުގައެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭ ކަމީ އެއްވެސް ބަޔަކު އެކަމާމެދު އިންކާރު ކުރާނެކަމެއް ނޫންކަމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކުންވެސް މިކަމާ އެއްބަސްވާނެކަމުގައެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ މަޖިލީހުންނާއި، އަދި ސަރުކާރުގެ ފަރާތުންވެސް އެމްޑީޕީއަށް ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށާ އަމާޒަޖީ ޝަރުއީ ދާއިރާ އިސްލާހުކުރުންކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރައްޔިތުންނާ މެދު ނުވިސްނާ ކަންކުރި އުސޫލުން ކަން ކުރަމުން ނުގެންދާނެ ކަމުގެ ޔަގީންކަން އިމްތިޔާޒު ވަނީ ހުރިހާ ރައްޔިތުންނަށްވެސް ދެއްވާފަެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އިތުބާރާއެކު ކުރިއަށްގެންދަން މަސައްކަތް ކުރާނެ ކަމަށްވެސް އިމްތިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަނޑިޔާރު ދީދީގެ މައްސަލައެއްގެ ތަހުގީގު ބަލަމުންދާކަން ފާހަގަކުރައްވައި އިމްތިޔާޒު ވިދާޅުވީ މި މައްސަލައަކީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށއަޅާފައިވާ މައްސަލައަކަށް ވިޔަސް މި ކަމަކީ ވަކި މީހަކާ ޒާތީވެގެން ހުށައަޅާފައިވާ މައްސަލައެއް ނޫން ކަމުގައެވެ. އަދި ރައީސް ނަޝީދު މަޖިލީހަށް ކުރިމަތިލެއްވީވެސް ފަނޑިޔާރުގެ އިސްލާހުކުރާނެ ގިނަ ގޮތްތަކެއް ނިންމަވައިގެން ކަމަށްވެސް އިމްތިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބިފަ އޮތުމާއެކު، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފަނޑިޔާރުގެ އިސްލާހުކުރެވިދާނެ ކަމަށް އިމްތިޔާޒް ފާހަގަކުރެއްވިއެވެ.