މިއަދު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ، މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހުމަދު މުޙައްމަދުފުޅު މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކުރައްވައި، އެހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރައްވާފައި ވާކަމަށެވެ.

މިވަގުތުވެސް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހުމަދު މުޙައްމަދުފުޅު ހުންނެވީ މާފުށީގައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ، މިހާތަނަށް ބެލި ބެލުމުން މިހާދިސާގައި ގައިދީއަކު އިސްވެ އޮފިސަރަކަށް ހަމަލާދީފައިވާކަމާއި، އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާނުބައްދަލުމިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގައިވެސް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީ ބުނެފައެވެ.

މޯލްޑިވުސް ކަރެކްޝަނަލް ސާވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހަވީރު ޖަލުގައި ހަމަނުޖެހުން ހިނގީ ގޮޅިއެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ގައިދީއަކު ވަނީ ދަގަނޑުބުރިއަކުން ޖަލު ބަލަހައްޓާ އޮފިސަރަކަށް ހަމަލާދީފައެވެ.

ކަރެކްޝަންސްގެ އޮފިސަރުގެ ބޮލަށް ލިބުނު ޒަޚަމާއި ގުޅިގެން އޭނާ މާލެ ގެނެސް ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗުގައެވެ. ނަމަވެސް އެއޮފިސަރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާލަތެއް މޯލްޑިވުސް ކަރެކްޝަނަލް ސާވިސަސް އަކުން ހާމައެއް ނުކުރެއެެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ ޖަލު ބަލަހައްޓާ އޮފިސަރަށް ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދައި، ޖަލުގެ ހާލަތު އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.