މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޓީސީން ކާމިޔާބުކުރި ގޯލާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް އަތުން 1-1 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުގައި ދެ ޓީމަށްވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. ހާއްސަކޮށް އީގަލްސްއަށް މި މެޗުގައި ތަނަވަސްވެގެންދިޔަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޓީސީއަށް މި މެޗުގައި އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިންވެސް ކުޅުނެއެވެ. އެއީ މިއަހަރު އެ ޓީމާއި އަލަށް ގުޅުނު މަހްމޫދު އާއި ބިމާލްގެ އިތުރުން ޓީސީއަށް މީގެކުރިންވެސް ކުޅުނު އަލާ ނަސްރު އެވެ. މި ތިން ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނުނީ މޮޅު ކުޅުމެކެވެ.

މެޗުގައި ކުލަބް އީގަލްސް އިން ގޯލުޖަހާފައިވަަނީ ދެވަނަ ހާފުގައެވެ. މެޗުގެ 82 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މިއަހަރު އީގަލްސްއާއި އަލަށް ގުޅުނު އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި ގޯލު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ސެންޓޭ އެވެ.

މި ގޯލަށްފަހުވެސް އީގަލްސްއަށް ގޯލަށް ޖަހާނެ ރަނގަޅު ފުރުސަތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ޓީސީން ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުކޮޅުގެ ތެރޭގައި ސާމިރު ނަގައިދިން ކޯނަރަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިއަހަރު ޓީސީ އާއި ގުޅުނު ނޭޕާލްގެ އުއްމީދީ ފޯވާޑް ބިމާލް އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ހަމައެކަނި ދެރަ އަކީ އަތުގައި އޮތް ތިން ޕޮއިންޓް ގެއްލިގެން ދިޔުން ކަމަށާއި މި ކަހަލަ ލީގެއްގައި އަތުން ތިން ޕޮއިންޓް ގެއްލުމުން އުނދަގޫތަކެއް ވާނެކަމަށެވެ. ނަމަވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށްވެސް މޯހަން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ޓީސީ އަށް ދިމާވީ ފިޓްނަސްގެ މައްސަލަ ކަމަށެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ވިކްޓްރީއާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނެއެވެ. މި މެޗު ވީޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް އެވެ.