ދަބަސް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ސްޓޭޓް އޮފް އެސްކޭޕް"އިން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ "ވަން އެންޑް އޮންލީ ރީތި ރަށް" މި ރިސޯޓުގެ ނަމާއި، ދިވެހިރާއްޖޭގެ ނަން ހިމަނައިގެން ދަބަހެއް އުފައްދައިފި އެވެ.

މި އަތްދަބަސް ސްޓޭޓް އޮފް އެސްކޭޕްގެ ވެބްސައިޓް މެދުވެރިކޮށާއި ރީތި ރަށް ރިސޯޓުން ގަންނަން ލިބެން ހުރި ކަމަށް ޓްރެވަލް ހަބަރުތައް ގެނެސްދޭ ޓްރެވަލް ލެޝާގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ރީތިކަން ފެންނާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މިކޮތަޅުގައި ރާއްޖޭގެ މާހައުލުން ފެނިގެންދާ ތިން ކުލައެއް ހިމަނާފައިވެ އެވެ. އެއީ ވިލު ނުލާއި، ރާއްޖޭގެ ރީތި ދޮންވެލިގަނޑުގައި ހުންނަ ހުދު ކުލައާއި، އަދި އުޑުގެ ނޫކުލަ އެވެ.

މި އަތްދަބަސް ފަރުމާކޮށް އުފެއްދި ކުންފުނިން ބުނި ގޮތުގައި މި އަތްދަބަހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ހިމަނައިގެން ދެވޭ ހަދިޔާއެއް ކަމަށާއި، އަދި އެމީހުން ރާއްޖެ އައިސް ހޭދަކުރި ދުވަސްތަކުގެ ހަނދާނެއްގެ ގޮތުގައި މި ދަބަސް ބޭނުން ހިފޭނެ ކަމަށެވެ.

މި ދަބަހުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 227 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 3،500 ރުފިޔާ އެވެ.

ރާއްޖޭގެ ރީތިކަން ހިމެނޭ ގޮތަށް މީގެ ކުރިންވެސް ބޭރުގެ ކުންފުނިތަކުން އަތްދަބަސް އަދި ކޮތަޅުފަދަ ތަކެތި ތައްޔާރުކޮށްފައިވެ އެވެ. އަދި މިތަކެތި ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.