މިމަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިހެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވާ ބައެއް ވާހަކަތައް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ދޮގުކުރައްވައިފިއެވެ.

މި ހަމަނުޖެހުމާއި ގުޅިގެން ހޯމް މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އަޅައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި ޖަލުގެ ހާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން އަނިޔާވި މީހުންނަށް އަވަހަށް ފަރުވާ ދިނުމަށް ކަރެކްޝަނަށް އަންގަވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ފަރުވާ ދިނުން ލަސްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ޖަލުގައި ތިބިި ގައިދީންގެ ތެރެއިން ބައެއް ގައިދީންގެ ބޯ ތުނިކޮށްކޮށައި ޓްރިމްކޮށްފައިވާ ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެ އަމަލު އެގޮތަށް ހިންގުމަށްފަހު އެކަން ކަރެކްޝަނުން ސިއްރުކުރީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއާއި ގައުމީ ސަލާމާތާ ބެހޭ ކޮމިޓީއަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ހާޒިރުކުރުމުން އޭނަ ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 5:45 ގައި ކަމަށެވެ. އަދި ޖަލު ހޮސްޕިޓަލުގައި ހުންނަނީ އެންމެ ޑޮކްޓަރެއް ކަމުން ގައިދީންނަށް ފަރުވާ ދިނުމުގައި އަމަލުކުރީ އެއްގައިދީއަށްފަހު އަނެއްގައިދީގެ އުސޫލުން ކަމަށެވެ.

އެގޮތުން ހަމަ އެދުވަހުގެ އިރުއޮއްސި 6 ޖެހިއިރު އެންމެ ފުރަތަމަ ގައިދީއަށް ފަރުވާދޭން ފަށާފައިވާނެ ކަމަށް މުނާޒު ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ލިޔެކިޔުންތަކުންވެސް އެކަން ސާބިތުވާނެ ކަމަށް މުނާޒު ވިދާޅުވިއެވެ.

ގައިދީންގެ ބޯބާލާފައިވާ ކަމަށް ކަރެކްޝަނުން މީގެ ކުރިން އިންކާރުކޮށްފައި ވީނަމަވެސް މި ބައްދަލުވުމުގައި މުނާޒު ވިދާޅުވީ ގައިދީންގެ ބޯބާލާފައިވާ ކަމަށާއި އެކަމަކު އެއީ ކުށެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ޖަލަށް ގެންދާ ގައިދީންގެ ބޯ ބޭލުމަކީ ގަވާއިދުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ގަވާއިދުގައި ހިމަނައި ގެެޒެޓުކޮށްފައިވާ ކަމެއް ކަމުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެވެން ނެތް ކަމަށެވެ.

އެހެންނަމަވެސް އަނިޔާ ކުރުމާއި ގުޅޭގޮތުން ގެޒެޓުކޮށްފައިވާ ގަވާއިދުގައި އެފަދަ ހާލަތެއްގައި ބޯކޮށުމާއި ބޭލުމަކީ އަނިޔާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ހިމަނާފައިވާތީ އެއީ ކުށެއް ކަމަށް ބެލެވިދާނެ ކަމަށް ކޮމިޓީތަކުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.