ރިސޯޓު ތަރައްގީ ކުރުމަށް ގއ އޮޑެގައްލާ ދޫކުރި ލީސް އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އަށްވަނަ އިސްލާހުގައިވާ ގޮތުގެމަތިން، ކްލޯސް ބިޑް އުސޫލުން މިހާރު މަސީގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު އަލީ ޖަނާހުއަށް ރައީސް ޔާމީނުގެ ސަރުކާރުން ދޫކުރި މިރަށުގައި ރިސޯޓު މަޝްރޫއު ގަބޫލު ނުކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަދުން ފެށިގެން އޮޑެގައްލާގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ޖަނާހަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓު ހެދުމާއި އެފަދަ ކަންކަމަށް ރަށްތައް ދޫކުރުމާމެދު ގޮތް ނިންމާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އޮޑެގައްލާ ދޫކުރަން ހެދި އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާއިރު ދެން އެކަން ކުރިޔަށް ގެންދާނެ ގޮތަކާއިމެދު ރައިސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅަކަށް މިހާރު އެދިފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 96،000 ރުފިޔާ ޖަނާހު ދައްކާފައިވާއިރު އެއްބސްވުން އުވާލުމަށްފަހު އޭގެ ބަދަލު ދޭނެގޮތެއް ސަރުކާރުން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އޮޑެގައްލާއަކީ ގިނަ އަދަދަކަށް ދޫނި ނިދަންއަރާ އަދި ބިސްއަޅާ ރަށަކަށް ވުމާއި އެރަށަށް ވެލާ އަރައި އަދި އެރަށުގެ ފަރުގެ މުއްސަނދިކަމަށް ބަލާފައި ރިސޯޓު މަޝްރޫއަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓުގައިވެސް ލަފާދީފައި ވަނީ މަޝްރޫއު އެރަށުގައި ކުރިއަށް ނުގެންދިޔުމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އެކިކަހަލަ މަޝްރޫތަކަށް ރަށްތައް ދޫކޮށްފައިވާއިރު އެއްވެސް ވަރަކަށް ބަލާފައި ނުވާކަމަށެވެ. ކޮންމެ ހިސާބަކުން ކޮންމެ ރަށެއްވެސް ދޫކޮށްފައިވަނީ އެއްވެސް ވަރެއްގެ ބެލުމެއްނެތި ކަމަށާއި ތިމާވެއްޓާއި މެދުވެސް ވިސާނާލާފައި ނެތް ކަމަށެވެ. އޮޑެގައްލާގައި އެފަދަ މަޝްރުއެއް ހިންގުމަށް ރަށް ދޫކުރުމުންވެސް އެކަން ހާމަވެގެންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ރާއްޖޭގެ ހުރިހާ ކަމެއްވެސް ވަކި އުސޫލަކާއި ހަމަތަކެއްގެ މަތިން ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވިފަހުން ނިމިދިޔަ ސަރުކާރުން ފަހުވަގުތު އެކި ޒާތުގެ ނިންމުންތައް ނިންމައި އެކި މަޝްރޫތަކުގައި ބޭރުގެ ގައުމުތަކާއެކު އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ތިމވެއްޓަށް ގެއްލުންވާގޮތަށާއި އަދި އެނޫންވެސް ހަމައެއްނެތި ފަށާފައިވާ މަސައްކަތްތައް ހުއްޓުވުމަށް މިސަރުކާރަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.