މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ހިންގި ތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޗުއާރުސީއެމުން ބުނީ މިމަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ހާދިސާއާ ގުޅިގެން، މާފުށީ ޖަލުގައި ބަންދުމީހުންނަށް އަނިޔާކުރަމުންދާ ކަމަށް ބުނެ 5 ފަރާތަކުން އެކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެދުވަހުގެ ހާދިސާގެ މައުލޫމާތު އެކޮމިޝަނަށް ލިބުނު ވަގުތުން ފެށިގެން އެފަދަ ކަންކަމުގައި ވަގުތުން ހަރަކާތްތެރިވުމަށް އެކުލަވާލާފައިވާ ޓީމާއި ތަހުގީގު ޓީމުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެޗުއާރުސީއެމުން ބުނީ މިހާދިސާ ތަހުގީކުކުރަމުންދަނީ ހައްސާސް މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން އިސްނަގައިގެން ކަމަށެވެ. މިގޮތުން ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއާއި އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އެންގުނެވެ. ނަމަވެސް ހާޒިރުވެވަޑައިގަތީ ސީޕީ މުނާޒު އެކަންޏެވެ. ކޮމިޓީގެ ނޯޓިސް ލިބިވަޑައިގެންނެވިއިރު މިނިސްޓަރު އިމްރާން ހުންނެވީ ގދ.ތިނަދޫއަށް ވަޑައިގަތުމަށް އެއާޕޯޓުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މުނާޒު ވިދާޅުވީ މި ހާދިސާއަކީ ގައިދީއަކު ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމަށް އޮފިސަރެއް ގާތު އެދުމުން އެކަމަށް އިންކާރު ކުރުމުން ހިނގާފައިވާ ހާދިސާއެއް ކަމަށެވެ. އެ އޮފިސަަރަށާއި ހަ ގައިދީއަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. ގައިދީންގެ ނުރުހުމުގައި އެމީހުންގެ ބޯ ބާލާފައިވާ ކަމަށްވެސް ގައިދީން ވަނީ ބުނެފައެވެ. ނަމަވެސް ސީޕީ މުނާޒު ވިދާޅުވީ ބޯބޭލީ އަދަބު ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އަދި ގައިދީންގެ ކުރިމަތިފަރާތަށާއި ފުރަގަސްފަރާތަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް ގައިދީންނާ ހަވާލާދީ ޚަބަރުފެތުރިފައި ވީނަމަވެސް މުނާޒު ވަނީ އެކަން ވެސް ދޮގުކުރައްވާފައެވެ.