ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިމަހުގެ 12ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިިންޕަހުގައި ދައްކަމުންދާއިރު، ފިލްމުގެ ވަދާއީ ޝޯތައް ދައްކާނެ ތާރީޚު އިއުލާނުކޮށް ޓިކެޓް ވިއްކަން ފަށައިފިއެވެ.

ވީމީޑިއާގެ ޕްރޮޑަކްޝަން ޕޫލްގެ ހެޑް އިސްމާއީލް ޝަފީގު ބުނީ "ދައުވަތު" ކުރިން ދެއްކުމަށް ހަމަޖެއްސީ މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށްނަމަވެސް، އިތުރު ދެ ޝޯ ދެއްކުމަށް ނިންމީ ބެލުންތެރިންގެ އެދުމުގެ މަތިންކަމަށެވެ.

ޝަފީގު ބުނީ ގިނަ ޝޯތައް މިހާތަނަށް ދެއްކީ ހައުސްފުލްކޮށްކަމަށާ ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު ދަންނަވާކަމަށެވެ.

"ހަގީގަތުގައި ދެ ޝޯއެއް ފިޔަވާ އެހެން ހުރިހާ ޝޯއެއް މި ދެއްކީ ހައުސްފުލްކޮށް. އެ ދެ ޝޯވެސް މަދު ޓިކެޓެއް ނޫނީ ވަނީ ވިކިފައި. އެހެންވީމަ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފި ވީމީޑިއާގެ ދައުވަތު." ޝަފީގު ބުންޏެވެ.

ޝަފީގު ބުނީ "ދައުވަތު" ދެން އޮލިންޕަހުގައި ދައްކާނީ 4 ރޭކަމަށެވެ. އެއީ މިރެއާއި މާދަމާ ރޭ އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.

"މިހާރު މިދަނީ ވަދާއީ ދެ ޝޯގެ ޓިކެޓްވެސް ވިއްކަމުން. ޓިކެޓްތައް ވަރަށް ބާރަށް ދަނީ ވިކެމުން. އެންމެ ބާރު ބޮޑުވަނީ ހަފްތާ ބަންދަށްވާތީ ފަހަށް މަޑުނުކޮށް އަވަހަށް ޓިކެޓް ގަތުމުން ފުރުސަތު ލިބޭނީ." ޝަފީގު ބުންޏެވެ.