ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު "މާމުއި" އޮލިންޕަހުގައި ސްކުރީންކުރުމަށް ބާކީ 6 ދުވަސްއޮތްއިރު، "މާމުއި"ގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ.

މާމުއި އަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން އުފައްދާ ވަރަށް ތަފާތު ކޮމެޑީ ފިލްމެއް ކަމަށް ޕްރޮޑަކްޝަންޓީމުން ވަނީ ބުނެފަ އެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 1ވަނަ ދުވަހުއެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު އެވެ. މިއީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމުގެ ޓްރެއިލާއާއެކު ފިލްމަށް ކުރެވޭ އުންމީދު ވަނީ ބޮޑުވެފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން "މާމުއި"ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ވިއްކަމުންދާކަމަށެވެ. އަދި ހެއްވާ މަޖާ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް "މާމުއި"އަކީ ދެވަނައެއް ނެތްފަދަ ފިލްމަކަށްވާނެކަމަށެވެ.

މާމުއި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް ރިޒްވީ އެވެ.

މީގެ ކުރިން ވަނީ "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ"ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ. "ރޭރޭ"ވެގެންދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ލަވައަކަށެވެ.